Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

"ބަޣާވާތްކުރީ ޖުޑިޝަރީ އިސްލާހުކުރަން ފެށުމުން"

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ބަޣާވާތެއްކުރީ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ފެށުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

2012 ވަނަ އަހަރުގެ ބަޣާވާތަށް 10 އަހަރު މިއަދު ފުރޭއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ބޭރުގެ ފަންނީ ބޮޑެތި މާހިރުވެސް، ފަނޑިޔާރުގެ އިސްލާހު ކުރުމުގައި ދިމާވާނެ ދަތިތަކުގެ ވާހަކަތައް ފާހަގަކުރާކަމަށެވެ.

"ބައިނަލްއަގްވާމީ ބޮޑެތި ފަރާތްތަކުން، މިކަމާ ގުޅިގެން މަޝްވަރާ ކުރަމުންދާއިރު ފާހަގަކުރައްވާ ޖުޑިޝަރީއެއް އިސްލާހު ކުރުމަކީ ވަރަށް ބޮޑު ދިގު ޕްރޮސެސްއެކޭ އަދި ވަރަށް ނުރައްކާތެރި ޕްރޮސެސްއަކަށްވެސް ވެފައެބަ ހުއްޓޭ ދުނިޔޭގެ ތަޖުރިބާތަކުން. އަޅުގަނޑުމެންގެ ގައުމުވެސް މި ތަޖުރިބާތައް ދެކިފައެބަވޭ. މިއަދު މިއީ 7 ފެބުރުއަރީ. މިދުވަހަކީ އަޅުގަނޑުމެން ކުރީގެ އެމްޑީޕީ ސަރުކާރު އޮތްއިރުގައި ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތްތައް ފެށި ފެށުމާ ގުޅިގެން، ބަޣާވާތެއްކޮށް އޭރުއޮތް ޑިމޮކްރަޓިކް ވެރިކަންވެސް ބަދަލުކުރި ހަމަ މިސަބަބާ ހުރެކަން މިއަދުވެސް ހަމަ ގަބޫލުކުރެވޭ." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ މިއަދުގެ ސަރުކާރާ މަޖިލީހާއެކު ޖުޑިޝަރީ އިސްލާޙުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި، އެގޮތުން ޤާނޫނީ ބަދަލުތަކާއި ސުޕްރީމް ކޯޓު ބަދަލުކުރެވިފައިވާކަމަށެވެ.

ޖުޑިޝަރީ އިސްލާހު ކުރުމަކީ ހަމައެކަނި ފަނޑިޔާރުން ވަކިކުރުން ނޫންކަން ފާހަގަކޮށް އިންތި ވިދާޅުވީ އެނޫންވެސް ބަދަލުތައް ގެނެސް ނިޒާމީ ބަދަލުތައް ގެނައުމަކީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތް ކަމަށާއި، އެ މަސައްކަތްވެސް ކުރެވެމުން އަންނަކަމަށެވެ.