ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރި "ބަޣާވާތުގެ އާރުކާޓީން" މިއަދު ސިޔާސީ ޕާޓީ ހަދައިގެން ސުލްހަވެރި ސިޔާސީ ހަރަކާތުން ސިޔާސީ މަސައްކަތްކުރާތީ އެކަމާ އުފާކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ފަނޑިޔާރުންގެ ޤާނޫނު ވުޖޫދުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށާއި، ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރި މަސައްކަތް އޭރުގެ އިދިކޮޅު ފަރާތްތަކަށް ހަޖަމުނުވެގެން ބަޣާވާތަކުން ވެރިކަން ވައްޓާލިތާ މިއަދު މިއީ 10 އަހަރު ފުރޭ ދުވަސް ކަމަށެވެ.
ހަސަން ވިދާޅުވީ ބަޣާވާތުގެ އާރުކާޓީން މިއަދު ތިއްބެވީ ސިޔާސީ ޕާޓީ ހައްދަވައިގެން ކަމަށާއި، އެބޭފުޅުން ސުލްހަވެރި ސިޔާސީ ހަރަކާތް މިހާރު ހިންގަވާތީ އެކަމާ އުފައްކުރައްވާކަމަށެވެ. އެމްޑީޕީން އަބަދުވެސް ވަކާލާތުކުރި ކަމަކީ ސުލްހަވެރި ސިޔާސީ ހަރަކާތުން، ސިޔާސީ މަސައްކަތުން ރައްޔިތުންނަށް އެމީހުންގެ މުސްތަގުބަލު އުޖާލާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް ހަސަން ވިދާޅިވެއެވެ.
"އަޅުގަނޑު މިއަދު ހަމައެކަނި އުފާވާކަމަކީ ބަޣާވާތުގެ އާރުކާޓީން ސިޔާސީ ޕާޓީ ހައްދަވައިގެން ސުލްހަވެރި ސިޔާސީ ހަރަކާތުން ރާއްޖޭގެ ސިޔާސީ މަސައްކަތް ކުރުމަށް އެބޭފުޅުންނަށް އެ ވިސްނުން ލިބުނުކަމަށްޓަކައި. ތާއީދު މަދު، ތާއީދު ކުޑަ، އެއީ އެކަންވާނެ ގޮތްވެސްމެ. އެބޭފުޅުންގެ ތާރީހާ މާޒީއަށް ބަލާ އެބޭފުޅުންނަށް ލިބޭނެ ތާއީދަކީ ކުޑަ ތާއީދަކަށްވާނެ. އެހެންނަމަވެސް އެވިސްނުން އެބޭފުޅުންނަށް އައިކަމަށްޓަކައި އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން." ހަސަން ލަތީފް ވިދާޅުވިއެވެ
ވަކި ފަރާތެއްގެ ނަން ވިދާޅުނުވެ ހަސަން މިހެން ވިދާޅުވިނަމަވެސް، ބޮޑަށް ބެލެވޭ ގޮތުގައި މި ބަސް ހަސަން ރައްދު ކުރައްވާފައިވަނީ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަށެވެ. 7 ފެބްރުއަރީގައި ކާނަލް ނާޒިމް ސިފައިންގެއިން ނިކުމެ ވަޑައިގެން އެއްވެތިބި މީހުންނާ މުހާތަބުކޮށް، ޝަރުތަކާ ނުލާ ރައީސް ނަޝީދު އިސްތިއުފާދިނުމަށް ގޮވާލެއްވިއެވެ. އަދި ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ރިޔާޒް ގެންގުޅުއްވި ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.