Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

"އިންޑިއާ އައުޓް" މައްސަލަ ބަލަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ބެލުމަށް 241 ކޮމީޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މައްސަލަ ހުށަހެޅުއްވުމަށް ރައީސް ނަޝީދަށްވެސް ފުރުސަތު ދެއްވާފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ގައުމެއްގެ ސިޔާސީ ޕާޓީއަކަށް ވެސް ފާޑުކިޔިދާނެ ކަމަށާއި ވަކި ޝަހުސިއްޔަތަކަށް ވެސް ފާޑުކިޔިދާނެ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ގުޅުން އުފައްދާފައި އޮތް ގައުމަކާ އިދިކޮޅު ހަރަކާތްތަކެއް އިންތިޒާމްވެގެން ރާއްޖޭގައި ހިންގުމުން އެ ގައުމު ދެކޭނެ ގޮތާ އެ ގައުމުން ދިވެހިންނާ ގުޅޭ ގޮތުން އަމަލުކޮށްފާނެ ގޮތަކާ މިކަންކަމާ ގުޅޭ ގޮތުން ކޮމެޓީގެ މަޝްވަރާއެއް އޮތުން ނުވަތަ ދިރާސާއެއް އޮތުމަކީ ބޭނުންތެރިކަމެއް ކަމަށް ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި "އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ދިވެހިންނަށް ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށެވެ.

ރައީސް ނަޝީދު މައްސަލަ ހުށަހެޅުއްވުމުން، 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވަނީ މިމައްސަލަ އަކީ މަޖިލީހަށް ބެލޭނެ މައްސައެއް ނޫންކަން ފާހަގަކުރައްވާ މައްސަލަ ބޭރުކުރުމަށް ހުށަހަޅާފައެވެ. ޣައްސާންގެ ހުށަހެޅުމަށް ތާއީދުކޮށް ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މައްސަލައަކީ ސީރިއަސް މައްސަލައެއް ނަމަވެސް އެކަން 241 ކޮމިޓީއަށް ބެލޭނެކަމަށް ނުދެކޭކަމަށެވެ.

މިމައްސަލަ 241 ކޮމިޓީން ބޭރުކުރުމަށް ހުށަހެޅިނަމަވެސް އެގޮތަށް ފާހެއް ނުވިއެވެ.

މިކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ މިމައްސަލަ ބެލުމުގައި އެމްއެންޑީއެފް، ޕޮލިސް، ޑިފެންސް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީ، ހޯމް މިނިސްޓްރީ ހިމެނޭ ގޮތަށް މަޝްވަރާ ކޮށްގެން މައުލޫމާތު ހޯދައިގެން ދިރާސާ ކުރިއަށް ގެންދިއުމަށް ހުށަހަޅާފައެވެ. 

އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.