މިހާތަނަށް މޭވާ ބޭނުންކޮށްގެން އެންމެ މަތީ އަދަދަކަށް ކަރަންޓް އުފެއްދުމުގެ ރެކޯޑް، އިނގިރޭސިވިލާތުގެ ރޯޔަލް ސްކޫލް އޮފް ކެމިސްޓްރީ (އާރްސީއެސް) އަށް ލުނބޮއިން ކަރަންޓް އުފައްދައިގެން ލިބިއްޖެ އެވެ.
މި ރެކޯޑް އެތަނަށް ލިބުނުކަން ގިނިސް ވޯލްޑް ރެކޯޑުން ވަނޫ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. ހަކަތަ އުފައްދާ "ބެޓެރި" ގެ ގޮތުގައި 2،923 ލުނބޯ ބޭނުންކޮށްގެން ރެކޯޑް ހެދުމުގެ ހަރަކާތް ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގައި މެންޗެސްޓާގަ އެވެ. އާރްސީއެސް އިން ކުރި މަސައްކަތުގައި ވަނީ ލުނބޯ އިން 2,307.8 ވޯޓްގެ ކަރަންޓް އުފައްދައިފަ އެވެ. މިއީ މިހާތަނަށް މޭވާ ބޭނުންކޮށްގެން އޭގެ "ހަކަތަ ނެރެގެން" އެންމެ މަތީ މިންވަރަކަށް ކަރަންޓް އުފެއްދި ފަހަރެވެ.
މި ރެކޯޑް ލިބުނު އާރްސީއެސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައިންސްވެރިން ބައިވެރިވާ ތަނެކެވެ. މީގެ މައިގަނޑު މަސައްކަތަކީ ކެމިސްޓްރީގެ ދާއިރާ އިން އާ ތަޖުރިބާތައްކޮށްގެން ދުނިޔެ އަށް ބޭނުންތެރި އާ ކަންކަން ކުރުމެވެ. އެގޮތުން ލުނބޯ ފަދަ މޭވާ ބޭނުންކޮށްގެން ކަރަންޓް އުފައްދަން ކުރި މަސައްކަތަކީ މިހާރު ދުނިޔެ ތިމާވެއްޓާ ރައްޓެހި ހަކަތައަށް ދާން މަސައްކަތްކުރާތީ މިއީ ވެސް އެކަމަށް ބޭނުން ކުރެވިދާނެ އުކުޅެއްކަން ސާބިތުކޮށް ދިނުމެވެ.
Well, when life gives you lemons…
— Guinness World Records (@GWR) February 6, 2022
ބެޓެރީގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރު ސައިފުލް އިސްލާމާއި ސައިންސްގެ ދާއިރާގެ ހުށަހެޅުންތައް ގެނެސްދޭ ފްރާން ސްކޮޓް އިސްކޮށް ތިއްބައިގެން ރެކޯޑް ހެދި އިރު، ލުނބޯ އިން ކަރަންޓް އުފެއްދީ އެ އެއްޗެހި ދެ ފަޅި އަށް ފަޅައި އޭގައި ޒިންކާއި ކޮޕާގެ ބައިތަކެއް ހަރުކޮށްގެންނެވެ.
ސައިފުލް ވިދާޅުވި ގޮތުގައި ލުނބޯހުތަކީ އޭގެ ޒާތުގައި ވެސް "ވަރުގަދަ" އެއްޗަކަށްވާތީ ކޮޕާ އާއި ޒިންކް މީގެ ތެރެއަށް ޖާމިނުވުމުން ހަކަތަ އުފެދުމަކީ ވާނެ ކަމެކެވެ.
"މީގައި ލުނބޯހުތަކީ އިލެކްޓްރޮލައިޓް އަދި ޒިންކާ ކޮޕާ އަކީ އިލެކްޓްރޯޑްސް." އޭނާ ވިދާޅުވި އެވެ.
މި ތަކެތި ބޭނުންކޮށްގެން ކަރަންޓް އުފެއްދީ އެ އެއްޗެހި އެކަމަށް ތައްޔާރުކޮށް ހާއްސަ އިންތިޒާމުތަކެއްގެ ދަށުން ތަރުތީބުކޮށް ހަރުގަނޑުތަކެއްގައި ބަހައްޓައިގެންނެވެ. އެގޮތުން ކުރެވުނު މަސައްކަތުން 2,307.8 ވޯޓްގެ ކަރަންޓް އުފެއްދުމަކީ ކުރިން މިފަދަ ގޮތަކަށް ހަދާފައި އޮތް ރެކޯޑެއް މުގުރައި ވެސް ލެވުމެވެ. ކުރީގެ ރެކޯޑަކީ 1،521 ވޯޓެވެ.
"ކުރިން ހަދާފައި އޮތް ރެކޯޑެއް އަހަރެމެންނަށް މުގުރާލެވުމަކީ އަހަރެމެންގެ އަަސްލު މަގުސަދަށް މަސައްކަތްކުރަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ވެސް މެ." ސައިފުލް ވިދާޅުވި އެވެ.