"އިންޑިއާ އައުޓް" މައްސަލަ 241 ކޮމިޓީން ސިޔާސީ ކަމެއްގެ ގޮތުގައި ދެކިގެން ބަލަން ދަތި ކަމަށާއި، އެއީ ގައުމީ މަސްލަހަތާ ގުޅުންހުރި މައްސަލައެއް ކަމަށް 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" މައްސަލަ ބެލުމަށް 241 ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން "އިންޑިއާ އައުޓް" މައްސަލައަކީ ސިޔާސީ ކަމެއްގެ ގޮތުގައި ދެކިގެން 241 ކޮމިޓީގައި ބެލުމަކީ ދަތިކަމެއް ކަމަށެވެ.
"ސިޔާސީ ގޮތުން އަޅުގަނޑުމެން ދައްކާ ވާހަކައަކަށްވުރެއް މިއީ ގައުމީ މަސްލަހަތާ ގުޅުންހުރި މައްސަލައެއްކަމަށް އަޅުގަނޑު ދެކެނީ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މި މައްސަލަ ބަލާއިރު މިކަމުން ގައުމީ މަސްލަހަތާއި ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަން ބަލަންޖެހޭ ކަމަށެވެ.
މީގެއިތުރުން ވިދާޅުވީ ގައުމުގެ މިނިވަންކަން ކޮމްޕްރޮމައިޒް ކުރާކަމަށް ބުނާއިރު އެކަން ކުރޭތޯ ނުވަތަ ނޫންތޯ ބަލަންޖެހޭކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަން ހޯދަނީ ގައުމު ވިއްކާލާފަތޯ ނުވަތަ ނޫންތޯ ދެނެގަންނަން ޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިވާހަކައަކީ ސަމާސައަކަށް ދައްކާ ސިޔާސީ ވާހަކައަކަށްވުރެއް ބޮޑަށް، އަދި ސިޔާސީ މަންފާއެއް ހޯދުމަށް ދެކެވޭވާހަކަ އަކަށްވުރެއް ބޮޑު ސީރިއަސް ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ.
މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މައްސަލަ ހުށަހެޅުއްވުމަށް ރައީސް ނަޝީދަށްވެސް ފުރުސަތު ދެއްވާފައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ގައުމެއްގެ ސިޔާސީ ޕާޓީއަކަށް ވެސް ފާޑުކިޔިދާނެ ކަމަށާއި ވަކި ޝަހުސިއްޔަތަކަށް ވެސް ފާޑުކިޔިދާނެ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ގުޅުން އުފައްދާފައި އޮތް ގައުމަކާ އިދިކޮޅު ހަރަކާތްތަކެއް އިންތިޒާމްވެގެން ރާއްޖޭގައި ހިންގުމުން އެ ގައުމު ދެކޭނެ ގޮތާ އެ ގައުމުން ދިވެހިންނާ ގުޅޭ ގޮތުން އަމަލުކޮށްފާނެ ގޮތަކާ މިކަންކަމާ ގުޅޭ ގޮތުން ކޮމެޓީގެ މަޝްވަރާއެއް އޮތުން ނުވަތަ ދިރާސާއެއް އޮތުމަކީ ބޭނުންތެރިކަމެއް ކަމަށް ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި "އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ދިވެހިންނަށް ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށެވެ.
އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.