އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުން އިންތިހާބުގައި އައްޑޫ ސިޓީގެ ހަތް ދާއިރާއިގެ ތެރެއިން މިހާތަނަށް ޕްރައިމަރީ ބޭއްވުނު މީދޫ، ހުޅުދޫ އަދި ހިތަދޫ އުތުރު ދާއިރާ އިން ޕާޓީ ޓިކެޓް ލިބޭ ފަރާތްތައް އެމްޑީޕީން އިއްލާންކޮށްފި އެވެ.
އެމްޑީޕީން ބުނީ ހިތަދޫ އުތުރު ދާއިރާގެ ޕާޓީ ޓިކެޓް މިހާރުވެސް އެދާއިރާ ތަމްސީލު ކުރާ މުހައްމަދު އަސްލަމް އަށް ކަށަވަރުވެފައިވާ ކަމަށެވެ.
މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒު މަސްޠޫރު ހުސްނީ އާއި ވާދަކޮށް އަސްލަމް ކުރި ހޯދާފައި ވަނީ 103 ވޯޓުގެ ތަފާތުންނެވެ. އަސްލަމްއަށް 368 ވޯޓު ލިބިލެއްވި އިރު މަސްޠޫރުއަށް ލިބިފައި ވަނީ 265 ވޯޓެވެ.
މީދޫ ދާއިރާގެ ޓިކެޓް ކާމިޔާބް ކޮށްފައިވަނީ މިހާރު ތުލުސްދޫ ދާއިރާގެ ގޮޑި ފުރުއްވަމުން އަންނަ ރޮޒައިނާ އާދަމް އެވެ. ރޮޒެއިނާ އެދާއިރާގެ ގޮޑި ކާމިޔާބްކޮށްފައި ވަނީ 457 ވޯޓު ހޯއްދަވައިގެންނެވެ.
އެ ދާއިރާއިން ރޮޒެއިނާ އާއި ވާދަކުރި އަލީ ޝަހީމަށް ލިބިފައި ވަނީ 137 ވޯޓެވެ. އަދި މުހައްމަދު ލިރާރްއަށް ލިބިފައިވަނީ 105 ވޯޓެވެ.
ހުޅުދޫ ދާއިރާގެ ޓިކެޓް ކާމިޔާބް ކޮށްފައިވަނީ މިހާރުވެސް އެދާއިރާ ތަމްސީލްކުރާ އިލްޔާސް ލަބީބްއެވެ. އިލްޔާސްއަށް ވަނީ 341 ވޯޓު ލިބިފައެވެ. އިލްޔާސް އާއި އެންމެ ކައިރިން ވޯޓު ލިބުނު އިބްރާހިމް ހަމީދުއަށް ލިބިފައިވަނީ 233 ވޯޓެވެ. ސާމިއުއަށް ލިބިފައިވަނީ 215 ވޯޓެވެ.
އައްޑޫގެ އެހެން ދާއިރާތަކުގެ ވޯޓުލުން ބާއްވާނެ ރަސްމީ ތާރީހެއް އަދި ލިބިފައި ނުވެއެވެ.