މިއަދަކީ އައްޑޫގެ ތާރީހުން ފާހަގަކޮށްލެވޭ އެންމެ ކަޅު އެއް ދުވަހެވެ. މާޒީގެ ތެރެއިން 10 އަހަރު ކުރިއަށް ޖެހިލާ އިރު، ފެބްރުއަރީ 8، 2012 އަކީ ފަހުގެ ތާރީހެއްގައި އައްޑު އަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ހައިޖާނުގަނޑު ބޮޑު އަދި އެންމެ ނާމާން ދުވަހެވެ. މި ދުވަސް ތާރީހުގެ ތެރޭގައި ލިޔެވެނީ "އައްޑޫ ބޮޑު ހުޅު" ގެ ގޮތުގަ އެވެ.
ސިޔާސީ ހަމަނުޖެހުންތަކާއި ސިޔާސީ އުދާސްތަކާ އެކު ކުރިމަތިވި "ބޮޑު ހުޅު" ގެ އިތުރު ހާދިސާއެއް ކުރިމަތިވާކަށް ބަޔަކު ދެން ހަމަ ގައިމު ބެސް ބޭނުމެއް ނުވާނެ އެވެ. އެކަމަކު މާޒީގެ މި ދިލަ ހަނދާނުގެ ތެރެއަށް 10 އަހަރު ފަހުން ވެސް ފީނައިލުމަކީ މުހިއްމު ކަމަކަށް ވާނެ އެވެ. އަނެއްކޮޅުން "ބޮޑު ހުޅު" ގެ އެ ހާދިސާ އަށް ފަހު އައްޑޫ މީހުންނާ ދިމާއަށް ހުޅުޖަހާ މީހުންނޭ ގޮވުމަކީ ވެސް އާންމު ކަމަކަށްވެގެން ދިޔަ އެވެ.
މިކަމުގެ ފެށުމަކީ ކޮބާ؟
ކުރުކޮށް ބުނާ ނަމަ "އައްޑޫ ބޮޑު" ހުޅުގެ ފެށުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ 7، 2012 ގައި ކުއްލި ގޮތަކަށް "އިސްތިއުފާ ދެއްވުމުން" ސަޕޯޓަރުން ކެކިއަރައިގަތުމެވެ. އެ ކެކިގަތުމުގެ އަސްލަކަށްވީ "އިސްތިއުފާ ދެއްވީ މަޖުބޫރުކޮށްގެން" ކަމަށް ވިދާޅުވުމެވެ. ފަހުން ސިޔާސީ އެ ނިންމުން ބަދަލުވީ "ބޮޑު ބަޢާވާތަކަށެވެ." އެއާ ވިއްދައިގެން ނަޝީދަށް އޭރު ބޮޑު ސަޕޯޓެއް އޮތް އެތައް ބައެއްގެ ލޭ ކެކި، ޖަޒުބާތުތައް ވެސް ބަންޑުންވީ އެވެ.

އެހެންވެ ފެބްރުއަރީ 7، 2012 އަކީ ސިޔާސީ ގޮތުން އެތައް "ފިތުނައެއް" ގެ ފެށުމެވެ. އެ ވާހަކަ މިވަރުން ކުރުކޮށްލާނީ އެވެ.
"ބޮޑު ހުޅު" ގައި އައްޑު އަށް ވީ ކިހިނެއް؟
ފެބްރުއަރީ 8، 2012 ގައި އައްޑު އަށް ލިބުނު އެންމެ ބޮޑު ދެރަ އަކީ އެތައް އަހަރަކުން ގެނެސްފައި ހުރި އުމްރާނީ އެތައް ތަރައްގީއެއް އަނދައި އަޅިއަށްވުމެވެ. އިރާކޮޅުގެ ވަގުތެއްގައި ނުކުތް ބަޔަކު އެތަން މިތަނުގައި ޖަހަން ފެށި ހުޅުގަނޑު މައިތިރިވި އިރު އެތައް އިމާރާތެއް އަނދައި އަޅިއަށްވެ، އައްޑޫގެ ތަރައްގީ އެތައް އަހަރެއް ފަހަތަށް ސޮއްސާލި އެވެ.
މި ހާދިސާއާ އެކު ބިރުވެރިކަމާއި ނާމާކަން ވެރިވި އެވެ. ދުވަސްތަކެއް ވަންދެން އައްޑޫގެ ވެށި ވަރަށް ބޮޑަށް ކިލަނބުވެ، ބައިވައިވުމާއި ކޯޅުންތައް އުފެދިފައި އޮތެވެ.
"ބޮޑު ހުޅު" ގައި އަޅިއަށްވީ ކޮން ތަންތަނެއް؟
* ގަން ޕޮލިސް ސްޓޭޝަން އަނދައި އަޅިއަށްވި
* ގަން ޕޮލިސް ސްޓޭޝަންގައި ހުރި އެތައް ވެހިކަލެއް އަނދައި އަޅިއަށްވި
* ފޭދޫ މެޖިސްޓްރޭޓް ކޯޓް އަނދައި އަޅިއަށްވި
* މަރަދޫ މެޖިސްޓްރޭޓް ކޯޓް އަނދައި އަޅިއަށްވި
* ހިތަދޫ މެޖިސްޓްރޭޓް ކޯޓް އަނދައި އަޅިއަށްވި
* ހުޅުދޫ މެޖިސްޓްރޭޓް ކޯޓް އަނދައި އަޅިއަށްވި
* ހިތަދޫ ޕޮލިސް ސްޓޭޝަން އަނދައި އަޅިއަށްވި
* ހިތަދޫގައި ހުރި ފުލުހުންގެ ޓްރެއިނިން ސެންޓަރު އަނދައި އަޅިއަށްވި
* ޓްރެއިނިން ސެންޓަރުގައި ހުރި އެތައް އުޅަނދެއް އަނދައި އަޅިއަށްވި
* ފުލުހުންގެ ހިތަދޫ އެކަމޮޑޭޝަން ބްލޮކް (މިހާރު އޮޑިޓް އޮފީހުގެ ދެކުނު ގޮފި) އަނދައި އަޅިއަށްވި
* ހިތަދޫގައި ހުރި ޕީޖީ އޮފީހުގެ ބިއްލޫރިތައް ތަޅާލައި އެތަނުގައި ވެސް ރޯކުރި

މި ފާހަގަކުރި ތަންތަން އަނދައި ހުލުވި އިރު އެތަންތަނުގައި ހުރި އެތައް ލިޔެކިޔުންތަކާއި އައްޑޫގެ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި އެތައް ލިޔެކިޔުންތަކެއް ނެތިގެން ގޮސްފައިވެ އެވެ. ހާއްސަކޮށް ކޯޓްތައް އަންދައިލުމުން އެ ލިބުނު ގެއްލުމަކީ ފޫބެއްދޭ ވަރުގެ ގެއްލުމެއް ނޫނެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ ވަކިން ހާއްސަކޮށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަކީ ރާއްޖޭގެ ކޯޓްތަކުގެ ތެރެއިން ބޮޑު އަރުޝީފެއް ވެސް ރައްކާކުރެވިފައި އޮތް ތަނެއް ކަމެވެ. އެކަމަކު "ބޮޑު ހުޅާ" އެކު އެތަން ވެސް ހަފުސްވީ އެވެ.
އައްޑޫގެ ކޯޓްތަކުގެ ތެރެއިން "ބޮޑު ހުޅު" ގެ ތެރެއިން ސަލާމަތްވީ މަރަދޫފޭދު އާއި މީދޫ މެޖިސްޓްރޭޓް ކޯޓެވެ. އެ ދެ ކޯޓާއި ހުޅުމީދޫ ފޮލިސް ސްޓޭޝަން ވެސް ރޯކޮށްލަން ވެސް ދިމާކުރި އެވެ. އެކަމަކު އެތަންތަން ސަލާމަތްކުރެވުނީ "ބޮޑު ހުޅާ" ދެކޮޅަށް ނުކުތް ހިތްވަރު ގަދަ ބައެއްގެ މަސައްކަތާ ހެދި އެވެ.
ކޯޓްތައް އަންދައިލުމުން މިހާރު ވެސް ފޭދު އާއި މަރަދޫ ކޯޓް ހިންގަނީ ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގަ އެވެ.
"ބޮޑު ހުޅު" ގައި ފުލުހުންނަށް ލިބުނު ގެއްލުންތައް ސިފަކުރާ ނަމަ ފެބްރުއަރީ 8، 2012 ގައި ސަލާމަތްވީ ހަމައެކަނި އެ ހާދިސާ ހިނގި އިރު، ފުލުހުން ލައިގެން ތިބި އަންނައުނު އެކަންޏެވެ. ނަމްބަރުތަކުން ހިސާބުކުރާ ނަމަ "ބޮޑު ހުޅު" ގައި އައްޑު އަށް ލިބުނު ގެއްލުން 124 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ހިތަދޫގައި ހުރި ޓްރޭނިން ސްކޫލަކީ އޭރު ފުލުުހުންގެ ވަޒީފާ އަށް ވަންނަ މީހުންގެ މައިގަނޑު ޓްރޭނިންތައް ކުރިއަށް ގެންދިޔަ ތަނެވެ. އެތަން އަންދައިލުމުން އައްޑޫގައި ހިނގަމުން ދިޔަ އެ މަސައްކަތް ވެސް އެއްކޮށް ހުއްޓުނީ އެވެ.
ލިންކް ރޯޑާ ދިމާލުން ބޮޑު ސަރަހައްދެއްގައި އިންޑިއާ ސަރުކާރުގެ އެހީގައި މިހާރު އިމާރާތްކުރަމުން އެ އަންނަނީ "ޕޮލިސް އެކެޑެމީ" އަކީ ޓްރެއިނިން ސެންޓަރު އަންދައިލުމާ ގުޅިގެން އެ ގައުމުން ހިލޭ އެހީގެ ގޮތުގައި ފެށި މަޝްރޫއެކެވެ. އަދި "ބޮޑު ހުޅު" ގައި ފުލުހުންގެ އެތައް ވެހިކަލެއް އަންދައިލުމުން ފަހުން އެ ވަސީލަތްތައް ބައެއް ގައުމުތަކުން ފޯރުކޮށް ދިނެވެ. މިހާރު ވެސް އައްޑޫގެ ފުލުހުން ބޭނުންކުރާ ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ އެގޮތަށް ލިބުނު އެހީތަކެވެ.
"އައްޑޫ ބޮޑު ހުޅު" ގެ ހާދިސާއާ ގުޅިގެން އެތައް ބަޔަކަށް ދައުވާ ވެސް ކުރި އެވެ. ޝަރީއަތްތަކެއް ވެސް ހިނގި އެވެ. "އަދަބު ލިބުނު" ބަޔަކު ވެސް ތިއްބެވެ. އެކަމަކު ސުވާލަކީ އެ ވަރުގެ "ބޮޑު ޖަރީމާއަކަށް" ހައްގު އިންސާފު ލިބުނުތޯ އެވެ؟