Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އައްޑޫ ސިފައިންނަށް ކާން ދޭނެ ބަޔަކު ހޯދަނީ

އައްޑޫގައި ތިބޭ ދިވެހި ސިފައިންނަށް ކައްކައި ކާންދޭނެ ބަޔަކު ހޯދަން ޑިފެންސް މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ވަނީ ގަމާއި ހިތަދޫގައި ތިބޭ ސިފައިންނަށް ކައްކައި ކާން ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. އެގޮތުން ބީލަމުގައި ބައިވެރިވާން 500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައި ގަންނާނީ މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށެވެ.

ބިޑް ސެކިޔުރިޓީއެއްގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. އަދި ބިޑް ސެކިއުރިޓީގެ އަގަކީ 50،000ރ. އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މި މަހުގެ 16 ގެ ކުރިން [email protected] މެއިލްކުރަން ޖެހެ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މަސައްކަތް ކާމިޔާބުކުރާ ފަރާތަކުން، ކައްކައި ކާން ދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަން ޖެހޭނީ އެ ރަށެއްގައި ކަމަށާއި ރަށުން ބޭރުން ކައްކައިގެން ގެންދަން ހުއްދައެއް ނުދެވޭނެ ކަމަށެވެ.

ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 24 އެވެ.

އައްްޑޫގައި ތިބޭ ސިފައިންނަށް ކައްކައި ކާން ދިނުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ އިތުރަށް ޅ. މާފިލާފުއްޓާއި ހދ. ހަނިމާދު އާއި އެ އަތޮޅު ކުޅުދުއްފުށީގައި ތިބޭ ފުލުހުންނަށް ވެސް ކާން ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާފައިވެ އެވެ.