Last Updated: June 23, 10:51
Tuesday, June 23, 2026
ދުނިޔެ

ކައިވެނި ޕާޓީ ހަރާބުކޮށްލުމުން 5 މިލިއަންގެ ދައުވާއެއް

އެމެރިކާގެ ނިއު ޔޯކްގެ ހޮޓަލެއްގައި ބޭއްވި ކައިވެނި ޕާޓީއެއް ހަރާބުކޮށްލި ކަމަށް ބުނެ ކައިވެނިކުރި އަންހެން މީހާގެ އާއިލާއިން ބަދަލެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ހޯދަން އާދީއްތަ ދުވަހު ދައުވާކޮށްފި އެވެ.

ދުއިސައްތަ މީހުންނަށް ދައުވަތު ދީގެން ނިއު ޔޯކްގެ "ބްރޫކްލިން ޕިއާ ވަން ހޮޓެލް" ގައި ކައިވެނީގެ ޕާޓީ ބޭއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ގަ އެވެ.

އެތަނުގައި ބޭއްވި ކައިވެނި ޕާޓީގެ ތެރޭގައި ހޮޓެލުން އިންތިޒާމުތައް ހަމަޖައްސައިދިން ގޮތުން ހަފުލާގެ ތެރޭގައި ޖަހާފައި އިން މިއުޒިކްގެ އަޑު މާ ބޮޑަށް ވެސް މަޑުކަމުން އަންހެން ދަރިފުޅުގެ ކައިވެނި ޕާޓީގެ އުފާވެރިން ގެއްލިފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. އަދި މިއުޒިކްގެ އަޑު މަޑުކަމުން ބަޔަކަށް ކިރިޔަކިރިޔަ އެ އިވެނީ ކަމަށް ވެސް ބުންޏެވެ.

މި މައްސަލާގައި ކުރާ ދައުވާއާ ބެހޭ ގޮތުން ކައިވެނިކުރި އަންހެން މީހާގެ މަންމަ މާޖޯރީ ނިއުމަން ބުނީ "ވަރަށް ވެސް ހިތްގައިމު ހަފުލާއަކަށް ވާނެ ކަމަށް އުންމީދުކުރި ހަފުލާވީ ހޮޓަލުގެ އިންތިޒާމުތަކާ ހެދި ބޮޑު ފޫއްސަކަށް" ކަމަށެވެ.

"މިކަމާ ހެދި ދަރިފުޅު ވެސް ހުރީ ވަރަށް މާޔޫސްވެފައި. އޭނަ ވެސް ބޭނުންވީ ހަފުލާ ވަރަށް ވެސް އުފާވެރި ހިތްގައިމު ހަފުލާއަކަށް ވާން. އެކަމަކު ތަޖުރިބާކުރަން ޖެހުނީ އޭގެ އިދިކޮޅު." އޭނާ ބުންޏެވެ.

މާޖޯރީ ބުނި ގޮތުގައި އަންހެން ދަރިފުޅުގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހަށް ވާނެ ކަމަށް ގަބޫލުކުރި ކައިވެނި ޕާޓީ ހޮޓަލުން ހަރާބުކޮށްލުމަކީ ދިން ވަރަށް ބޮޑު ގެއްލުމެކެވެ. މާޖޯރި އާއި އޭނަގެ ފިރިމީހާ ރަސެލް ކުރާ ދައުވާގައި ބުނެފައިވާ ގޮތުގަގއި ބޮޑު ހަރަދެއްކޮށްގެން ބޭއްވި ހަފުލާ ހަރާބުކުރުމަކީ "ބްރޫކްލިން ޕިއާ ވަން ހޮޓެލް" އިން ފުރިހަމަ އަށް ޒިންމާ ނަގަން ޖެހޭނެ ކަމެކެވެ.

އެ މީހުން ބުނެފައިވާ ގޮތުގައި ކައިވެނީގެ ހަފުލާ އަށް ބޮޑު ހަރަދެއްކުރި އިރު، ތަން ޒިނަތްރެތިކުރަން ހަމައެކަނި މަލަށް ވެސް 150،000 ޑޮލަރު ހޭދަކުރި އެވެ.

"އެކަމަކު ހޮޓަލުން ވަނީ ފީކަޅާ އިންތިޒާމުތަކާ އެކު ދަރިފުޅުގެ އެ ހަފުލާ ހަރާބުކޮށްލައި އެ އުފާތައް ފޭރިގެންފައި." އޭނާ ބުންޏެވެ.

އާއިލާ އިން މި މައްސަލާގައި ދައުވާކުރަނީ ހޮޓަލުގެ އިތުރުން ވެޑިން ޕްލޭނާއެއްގެ ގޮތުގައި މަސައްކަތްކުރި ސިލްސިލާ "ރިއަލް ހައުސްވައިވްސް އޮފް މަޔާމީ" ގެ ކުރީގެ ތަރި ގުއާޑީ އަބްރައިރާއަށެވެ.