ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއްޗެހީގެ ތެރޭގައި ހިމެނޭ ފޭސްބުކާއި އިންސްޓަގްރާމް ޔޫރަޕްގައި ހުއްޓައިލަން ޖެހިދާނެކަމުގެ އިންޒާރު އެ އެފްތައް ހިންގާ ކުންފުނި، މެޓައިން ދީފި އެވެ.
މާކް ޒަކަބާގްގެ ކުންފުނިން މިފަދަ އިންޒާރެއް ދީފައި މި ވަނީ ޔޫރަޕްގައި ފޭސްބުކާއި އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ ޑޭޓާތައް ޓްރާންސްފާކުރުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ހެދި އެވެ. އަނެއްކޮޅުން އެ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންގެ ޑޭޓާތައް ހިމާޔަތްކޮށް ރައްކާތެރިކޮށް ނުދެވޭކަމުގެ ކަންބޮޑުވުންތަކާއި އެފަދަ މައްސަލަތަކާ ހެދި ބޮޑެތު ދައުވާތަކާ ވެސް މެޓަ އަށް ކުރިމަތިލާން ޖެހިފައިވެ އެވެ.
އެގޮތުން މިދިޔަ އަހަރު ފޭސްބުކް ބޭނުންކުރާ އެތައް 500 މިލިއަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ލީކްވި މައްސަލައެއް ފެންމަތިވެ، ޑިޖިޓަލް ޕްރައިވެސީ ގްރޫޕެއް ކަމަށްވާ ޑިޖިޓަލް ރައިޓްސް އަޔަލެންޑް (ޑީއާރްއައި) އިން މެޓަ އަށް ދައުވާކުރަން ނިންމި އެވެ. އެތަނުން ބުނެފައި ވަނީ 530 މިލިއަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ލީކުވުމުން އެކަމާ މެޓަ އިން ޒިންމާވާން ޖެހޭނެ ކަމަށާއި ދައުވާކުރަން ބޭނުންވާ މީހުންގެ މައްސަލަތައް ކޯޓަށް ހުށަހަޅަން ނިންމީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ރައްޔިތުންގެ ހައްގުގައި ކަމަށް ބުންޏެވެ.

ޔޫރަޕްގައި ފޭސްބުކާއި އިންސްޓަގްރާމް ހުއްޓުމަކަށް ގެންނަން ޖެހިދާނެކަމުގެ "އިންޒާރު" ދީފައި ވަނީ އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ހުށަހެޅި އަހަރީ ރިޕޯޓްގަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި ގައުމުތަކުގައި ސޯޝަލް މީޑިއާ ރެގިއުލޭޓްކުރަން ގެންގުޅޭ އުސޫލުތަކާ ހެދި ޑޭޓާތައް އޮޕަރޭޝަންތަކަށް ދަތިތައް ކުރިމަތިވެ އެވެ.
އެގޮތުން ޔޫރަޕިއަން ޔުނިއަން (އީޔޫ) ގައި ހިމެނޭ ގައުމުތަކުގެ ޑޭޓާތައް އެމެރިކާ އަށް ޓްރާންސްފާކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ބުންޏެވެ.