ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާ އަށް ބައި އިލެކްޝަނުން އަލަށް އިންތިހާބުވެވަޑައިގަތް މެމްބަރު މުހައްމަދު ރާޝިދު ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވި މެމްބަރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މާދަމާ ހެނދުނު 8:30 ގަ އެވެ.
ރާޝިދު ބައި އިލެކްޝަން ކާމިޔާބުކުރެއްވީ ޕީޕިއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން ވާދަކުރެއްވަ އެވެ. އިންތިހާބު ރާޝިދު ކާމިޔާބުކުރެއްވީ 1،401 ވޯޓާ އެކީގަ އެވެ. ފަތުހީ އަށް 1،161 ވޯޓް ލިބިވަޑައިގަތް އިރު، ހަންނާނަށް ލިބިވަޑައިގަތީ 232 ވޯޓެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު ކެންސަރު ބަލީގައި ޑިސެމްބަރު މަހުގެ 14 ގައި އަވަހާރަވުމާ ގުޅިގެންނެވެ.