Last Updated: June 28, 23:21
Sunday, June 28, 2026
ޚަބަރު

ރާބިތާގެ އޮފީހެއް ރާއްޖޭގައި ގާއިމުކުރަނީ

ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީހެއް ރާއްޖޭގައި ގާއިމުކުރަން މަޝްވަރާކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ޝެއިޚް މުހައްމަދު ބިން އަބްދުލްކަރީމް އަލްއީސާ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލް ވިދާޅުވީ ރާބިތާއާ ގުޅިގެން މަސައްކަތް ކުރެވޭނެ ގިނަ ދާއިރާތަކަކާ މެދު މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން ރާބިތާގެ ރެޕްރެޒެންޓޭޓިވް އޮފީހެއް ރާއްޖޭގައި ގާއިމުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި އިސްލާމް ދީނުގެ ސައްހަ އަގީދާ ފެތުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، އިމާމުން އިތުރަށް ތަމްރީނުކުރުމަށް ޕްރޮގުރާމްތަކެއް ހިންގަން މަޝްވަރާކޮށްފައިވެ އެވެ.

ހަލީލް ވިދާޅުވި ގޮތުގައި އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމާއި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި މެދު ވެސް މަޝްވަރާތަކެއް ކުރެވުނެވެ.

ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ އަށް ކުރެއްވި ދަތުރުގެ ތެރެއިން ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަރުވާފައިވެ އެވެ.