Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ދޫނިތައް މެރުމާ ދެކޮޅަށް މިއަދު މުޒާހަރާއެއް

ރާއްޖެ އަށް އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން މަރާލި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އެކަމާ ދެކޮޅަށް މިއަދު މުޒާހަރާއެއް ކުރަން ނިންމައިފި އެވެ.

މިއަދު ހަވީރު މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ މުޒާހަރާ ފަށާނީ ހަވީރު 4:00 ގަ އެވެ.

ފިޝަރީޒް މިނިސްޓްރީން މަރާލި ދޫނިތަކަކީ ދޫނީގެ ވިޔަފާރިކުރާ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ "ޕެޓް މާސްޓާ" އިން އެތެރެކުރި ދޫނިތަކެކެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދޫނިތައް މަރައިލީ ރާއްޖެ އަށް އެތެރެކުރުމުގެ ހުއްދަ ލިބިފައި ނުވާ ދޫނިތަކަކަށްވާތީ އެވެ. އަދި އެކަން ކުރީ އެޓާނީ ޖެނެރެލް އޮފީހުގެ ލަފާގެ މަތިން ކަމަށް ބުންޏެވެ.

ދޫނިތައް މަރާލި މައްސަލާގައި ފިޝަރީޒް މިނިސްޓްރީ އަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ "ޕެޓް މާސްޓާ" އިން އެތެރެކުރި 120 ދޫންޏެއް ލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޕްލާންޓް އެންޑް އެނިމަލް ޔުންޓުގައި މަރައިލުމުގެ ކުރިން އެ ދޫނިތައް އަނބުރާ ފޮނުވައިލުމުގެ ފުރުސަތު ވެސް ޕެޓް މާސްޓާސް އަށް ކަމަށެވެ. އަދި ދޫނިތަކަކީ ރާއްޖެ އެތެރެކުރުން މަނާ ބާވަތްތަކުގެ ދޫނި ކަމަށްވާތީ އެ ދޫނިތައް މަރާލީ އޭޖީގެ ލަފާގެ މަތިން ކަމަށެވެ.

މިކަމާ ގުޅިގެން އޭޖީ އޮފިހުން ބުނެފައި ވަނީ ދޫނިތައް މަރައިލަން ލަފާ ދީފައި ނުވާނެ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ދޫންޏެއް އެތެރެކުރާ ނަމަ އެ ދޫންޏެއް ނައްތާނުލައި އެ ދޫންޏެއް އެތެރެކުރި ގައުމަކަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ރާއްޖެ އަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ކަމަށާއި ނަމަވެސް ދޫނިތައް އަނބުރާ ގައުމަށް ފޮނުވާލާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޭޖީ އޮފީހުން ބުނި ގޮތުގައި އެތަނުން ލަފާ ދިނީ ގާނޫނުގައިވާ ގޮތަށް ދޫނިތަކާ މެދު އަމަލުކުރުމަށް ކަމަށެވެ.

މި ފަހަކަށް އައިސް ރާއްޖޭން ދިރޭތަކެއްޗާ މެދު އަމަލުކުރަމުންދާ އުސޫލުތަކާ ހެދި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އެކަމަކު ޕްރެޝަރުތައް ސަރުކާރަށް ބޮޑުވެ އެވެ.