ރާއްޖެ އެތެރެކުރި 130 ދޫނި ފިޝަރީޒް މިނިސްޓްރީން މަރާލައިފައިވަނީ އެ ދޫނިތަކުގެ މައްސަލައިގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށްކަން ހާމަވެއްޖެއެވެ.
މާލޭގައި ދޫނީގެ ވިޔަފާރިކުރާ "ޕެޓް މާސްޓަރ"ގެ ފަރާތުން އެތެރެކުރި ދޫނިތައް ހިފަހައްޓާފައި ހުރުމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ފެބްރުއަރީ 6 ވީ އާދީއްތަ ދުވަހުއެވެ. ފިޝަރީޒް މިނިސްޓްރީން ދޫނިތައް މަރާލާފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހުއެވެ.
"ޕެޓް މާސްޓަރ"ގެ ފަރާތުން އާދީއްތަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ، ދޫނިތައް ނައްތާލުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އިސްލާމީ ޝަރީޢަތާއި އިންޓަނޭޝަނަލް ޤާނޫނާ ޚިލާފް ކަމަށްވެފައި އަދި ފަހުން އެކުލަވާލާފައިވާ ޤަވައިދުގައި މި ދޫނިތަކަށް ހުއްދަ ލިބިފައިވާތީ އާއި އަދި މި ޤަވައިދުގައިވާ ދޫނިތަކަށް ޕެޓްމާސްޓާރ އިން ހުއްދަ ނަގާފައިވާތީ ކުރިން އެކުލަވާލާފައިވާ ޤަވައިދުގެ ދަށުން ޢަމަލުނުކުރެވޭނެ ކަމަށާއި މިހާރު ހެދިފައިވާ ޤަވައިދުގެ ދަށުން ހުއްދަ ލިބިފައި ވާތީ ހެދިފައިވާ އުސޫލުގެ ދަށުން ނަގަންޖެހޭ ޓެކްސް ނެގުމަށްފަހު ދޫނިތައް ދޫކުރުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
"ޕެޓް މާސްޓަރ"ގެ ވަކީލް މުހައްމަދު ޝާހިދު "އައްޑޫލައިވް"އަށް މައުލޫމާތުދެމުން ބުނެފައިވަނީ ދޫނިތައް މަރާލާފައިވަނީ އެ މައްސަލަ ކޯޓަށާއި ކަމާބެހޭ އެހެން ފަރާތްތަކަށް ހުށަހަޅާފައިވަނިކޮށްކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅި ހިސާބުން މިނިސްޓްރީން ތަކެތި މަރާލާފައިވަނީ ތެޅިގަނެގެން ކަމަށެވެ.
އެފަރާތުން މައުލޫމާތު ދީފައިވާގޮތުގައި ދޫނިތައް މަރާލުމާ ގުޅިގެން މިލިއަނަކަށްވުރެއް ގިނަ ރުފިޔާގެ ގެއްލުން އެފަރާތަށް ލިބިފައިވެއެވެ.
ކޯޓަށްވެސް މައްސަލަ ހުށަހަޅާފައިވަނިކޮށް ފިޝަރީޒް މިނިސްޓްރީން ދޫނިތައް މަރާލާފައިވާއިރު، އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ފިޝަރީޒް މިނިސްޓްރީއަށްވަނީ އަމާޒުވެފައެވެ. އަދި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް މެމްބަރުން ވަނީ އެ މައްސަލަ ބެލުމަށް ގޮވާލާ އެކަން ކުށްވެރިކޮށްފައެވެ.