Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ޕާކިން ސްލޮޓްތައް ވިއްކާތީ ބޮންޑޭގެ ނުރުހުން ކައުންސިލަށް

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލެސިޓީގެ ޕާކިން ސްލޮޓްތައް ވިއްކަން މާލެސިޓީ ކައުންސިލުން ނިންމާފައި އޮތުމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ސިޓީ ކައުންސިލަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ބުއްދި ދެއްވާފައިވަނީ މައްސަލަތަކާމެދު ވިސްނައިގެން ކަންކަން ހައްލުކުރުމަށް ކަމަށެވެ. އަދި ވިސްނައިގެން ކަންކަން ހައްލު ނުކުރާނަމަ ބުއްދީގެ ބޭނުމެއް ނެތްކަމަށެވެ.

"މާލޭގެ ހުރިއްޔާހުރި ހުރިހާ ބިމެއްގެ ޕާކިން ސްލޮޓްތައް އުމުރަށް ވިއްކާލުން، މި މުޅި މާލެ ވިއްކާލަނީ. ޕާކިން ސްލޮޓްތަކަކީ، ޕަބްލިމް ސްޕޭސްއަކީ ހުރިހާ އެންމެނަށް ބޭނުންކުރެވޭނެ، އުމުރަކަށް ނުވިއްކޭނެ އެ ތަންތަނެއް." ބޮންޑޭ ވިދާޅުވިއެވެ.

އާންމުވެގެންވާ މަންފާއަށް ނުުވަތަ އެންމެންގެ ބޭނުމަށް ބޭނުން ހިފަންޖެހޭ ކުޑަކުދިން ކުޅޭ ޕާކުތަކާއި، ޕޭޓޮއިލެޓްތަކާއި، ފަޅު ފައްތިޔާތަކާއި ޕާކިން ޒޯނުތައް އުމުރަށް ނުވިއްކޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މިކަމާ އިތުރަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ޕާކިން ޒޯނަކުން ޕާކިން ޓިކެޓެއް ދިގުމުއްދަތަކަށް ވިއްކިދާނެ ކަމަށާއި، އެހެންނަމަވެސް އެ ޕާކިން ޒޯނަކީ ރައްޔިތުންގެ ތަނެއްކަމަށެވެ.

އެކަމުގައި ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަށް ފާޑުވިދާޅުވެ ބޮންޑޭ ވަނީ މޭޔަރު މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެނިންމުން ވަގުތުން ބަދަލުކުރުމަށް ގޮވާލެއްވިއެވެ.

"ބުއްދި ކޮބައިތޯ މާލެސިޓީ ކައުންސިލް؟ ބުއްދި ފިލާ ގޮސްފައޭ އޮތީ. ގަސްތުގައި ޕީޕީއެމުން މިއުޅެނީ މާލެ ވިއްކާލަން." ބޮންޑޭ ވިދާޅުވިއެވެ.