ރ. ކިނޮޅަސް އަދި ށ. ފޭދޫ ބަނދަރު މަސައްކަތް ބާރަށް ކުރިއަށް ދަމުން އަންނަކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މިހާރު ހުރި އެއްގަމުތޮށި ތަޅާލުމުގެ މަސައްކަތާއި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހަރުކުރުމާއި، 1663.36 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ، އެ ރަށުގެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، އަދި ނެރު ފުންކުރުމުގެ މަސައްކަތުގެ 66 ޕަސެންޓް ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.