Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ހެޔޮ ނުވާނެ ކައްކާ ގޭހަށް ސަމާލުވޭ!

ކައްކާ ގޭހަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ، އެއާއި ނުލައި މިހާރު ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ވެސް ދަތި އެއްޗެކެވެ.

ގޭހުން ކެއްކުމުގައި ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ ވަރަށް ނުރައްކާތެރި ހާދިސާތައް ހިނގައިފާނެ އެވެ. މާޒީގައި މިފަދަ ހިތާމަވެރި ހާދިސާތަކުން މީހުންގެ ފުރާނަ އާއި އަގު ބޮޑު މުދާ ނެތި ފަނާވެގެން ގޮސްފައިވެ އެވެ.

ލިކްއިފައިޑް ޕެޓްރޯލިއަމް ގޭސް ސިލިންޑަރަކީ، ޕްރެޝަރައިޒްކޮށްފައިވާ، ސިލިންޑަރުގައި ބަންދުކޮށްފައި ހުންނަ ކައްކަން ބޭނު ކުރާ ދިޔާ ގޭހެކެވެ.

މިއީ ގޭހުގެ ކުޑަ މިންވަރެއް ރައްކާ ކުރެވިފައިވާ ކަންވާރެކެވެ. ނަމަވެސް ގޭހަކަށް ވުމުން ދިޔާކޮށް ހުންނަ އިރުގެ 250 ގުނައަށް ޖާގަ ހިފަ އެވެ.

ކައްކާ ގޭހުގައި އެކުލެވިގެން ވަނީ ޕްރޮޕޭންގެ ޕަސެންޓަކާއި ބިއުޓޭންގެ ޕަސެންޓެކެވެ. އެހެންކަމުން މި ގޭހުގައި އެއްވެސް ކުލައެއް އަދި ވަހެއް އެކުލެވިގެން ނުވެ އެވެ. އަދި މިއީ ފަސޭހަކަމާ އެކު ފެތުރިގެންދާ ގޭހަށް ބަދަލުވާ އެއްޗެކެވެ.
އެހެންކަމުން ލީކުވުން ދެނެގަތުމަށްޓަކައި އިތުރު ކެމިކަލެއް ބޭނުންކޮށްގެން ގޭސް ލީކުވާ ވަސް ދެނެގަނެވެ އެވެ.

ގޭސް ލީކުވެ ވަޔާއެކުވުމުން ލިބޭ ކުޑަ އަލިފާން ކަންޏަކުން ވެސް ރޯ ވެދާނެ އެވެ. މިގޭހަކީ ވަޔަށް ވުރެ ބަރު އެއްޗެއްކަމުން އެ ދަތުރު ކުރާނީ އަބަދުވެސް ތިރީގަ އެވެ. އަދި ބަންދު ތަނެއް ނަމަ ގިނަ އިރުތަކެއް ވަންދެން ގޭހުގެ އަސަރު އެތަނުގައި ހުރެ އެވެ. ބިމާ ކައިރީގަ އެވެ. މި ގޭސް ވަރަށް އަވަހަށް ފެތުރި ދުރު ސަރަޙައްދަކަށް ދަތުރު ކުރެ އެވެ.

ކައްކާ ގޭސް ރައްކާކޮށްފައިވާ ސިލިންޑަރަކީ ފަސޭހައިން ހަލާކުވެގެން ނުދާ ވަރުގަދަ މެޓީރިއަލް އަކުން ހަދާފައިވާ ސިލިންޑަރެކެވެ. ނަމަވެސް ސިލިންޑަރުގެ ވޭލުން ނުވަތަ އުނދުނަށް ގުޅައިފައިވާ ހޮޅި ލައިން ހަލާކުވެގެން ފަސޭހަކަމާ އެކު ލީކްވެ އެވެ.
މިގޮތަށް ލީކުވާ ދިމާއަކުން ތެއްފިނި ކަމެއް ހުރެ އެވެ. އަދި ސީދާ ހަމުގައި ޖެހިއްޖެ ނަމަ ހަންގަޑު ފިހޭ ގޮތްވެ އެވެ. ބައެއް ފަހަރު ސިލިންޑަރު ގިނަ ދުވަސްވެ ބައުވެގެން ސީދާ ސިލިންޑަރުން ވެސް ގޭސް ލީކްވެ އެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.

* ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް:

ގޭގައި ގޭސް ސިލިންޑަރު ބަހައްޓާ ފަރާތްތަކުން ސިލިންޑަރު ބަހައްޓާފައިވާ ތަނަކީ މިކަމަށް އެކަށީގެންވާ ރައްކާތެރި ތަނެއްތޯ ބަލައި ދެނެގަންނަށް ޖެހެ އެވެ. އަދި ގުޅާފައިވާ ހޮޅިލައިން އުނދުނާ ހަމައަށް ގެންގޮސްފައި ވަނީ ރައްކާތެރިކަމާ އެކުތޯ ޔަޤީން ކުރަން ޖެހެ އެވެ. ހަމަ އެއާ އެކު ބޭނުން ކުރާ އެހެން އާލަތްތަކަކީ ރަނގަޅު ފެންވަރުގެ ތަކެތިތޯ ބަލަން ޖެހެ އެވެ. މީގެ އިތުރުން ވެސް ބަލަންޖެހޭ ކަންތައްތަކަކީ:

* ކުނިބުނި އަދި ފަސޭހައިން އަލިފާން ރޯވާ ޒާތުގެ ތަކެތި ސިލިންޑަރު ކައިރީގައި ނުބެހެއްޓުން.
* ގޭސް ފުޅިން ރެގިއުލޭޓަރ ވަކިކުރާނަމަ ފުޅީގައިވާ މަތިގަނޑު އަބަދުވެސް ހަރު ކުރުން.
* ދޭތެރެ ދޭތެރެއިން ގޭސް ސިލިންޑަރާއި ހޮޅިލައިން ޗެކް ކުރުން. އަދި މިރިކޯޑްސް ރައްކާ ކުރުން.
* އެއްވެސް ގޮތަކަށް މިކަމުގެ ތަޖްރިބާ ހުރި ފަރާތެއްގެ ލަފާގެ މަތިން ނޫނީ ދިމާވާ މައްސަލަތައް ހައްލު ނުކުރުން.
* ގޭސް ސިލިންޑަރ އޮޕަރޭޓް ކުރާ ގޮތް ބޭނުން ކުރާ ފަރާތަށް ދަސްކޮށް ދިނުމާއި ގޭގައި ދިރިއުޅޭ މީހުން މިކަމަށް ހޭލުންތެރި ކުރުން.
* ކުޑަކުދިން ސިލިންޑަރާއި ކައިރިވެ ކުޅެ ނުހެދުން.
* އެއްވެސް ގޮތަކަށް ވަގުތު ސަލާމަތް ކުރުމަށް ނުވަތަ ފަސޭހަކޮށްލުމުގެ ބޭނުމުގައި އުނދުނަށް ގުޅައިފައިވާ ރެގިއުލޭޓަރ މޮޑިފައި ނުކުރުން ނުވަތަ ކަރަންޓް ޕްލަގް ޕޮއިންޓެއް އުނދުނާއި ކައިރީގައި ނުބެހެއްޓުން.
* ގޭސް ފުޅި ބަދަލުކޮށް ހެދުމުގައި އެއްވެސް ގޮތަކަށް ސިނގިރޭޓް ބޮއެ ނުހެދުމަށާއި އަލިފާން ކަނޑާ ބާވަތުގެ އެއްޗެއް ކައިރީގައި ނުބެހެއްޓުން.
* ސިލިންޑަރުން ގުޅާފައިވާ ހޮޅިލައިނަށް ގެއްލުމެއް ނުލިބޭ ގޮތަށް އުނދުނަށް ގުޅުމާއި ހޮޅިލައިން ރައްކާތެރިކުރުން.
* އެއްވެސް ގޮތަކަށް ގޭސް ސިލިންޑަރުން ގޭސް ލީކުވާ ކަމުގެ ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް ފަޔަ އެންޑް ރެސްކިޔު ސާރވިސްގެ ހޮޓްލައިން 118 އަށް ގުޅުން، އަދި ސިލިންޑަރ ސަޕްލައި ކުރާ ފަރާތައް އެކަން އެންގުން.
* ގޭސް ސިލިންޑަރު ތަނެއްގައި ބަހައްޓާ ނަމަ ކޮޅަށް ބެހެއްޓުން.

* އަލިފާން ރޯވުން ނުވަތަ ގޭސް ލީކްވެއްޖެ ނަމަ:

ގޭސް ސިލިންޑަރުން ގޭސް ލީކްވެގެން ނުވަތަ އަލިފާން ރޯވެއްޖެ ނަމަ، ތިރީގައިވާ ގޮތަށް އަމަލު ކުރާށެވެ.

* ލަސްނުކޮށް ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ހޮޓްލައިން 118 އަށް ގުޅުން، އަދި ޙާދިސާގެ މަޢުލޫމާތުދިނުން.
* ގޭތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ހާދިސާގެ މަޢުލޫމާތްދީ ވެގެންއުޅޭގޮތް ކިޔައިދިނުން، އަދި މީހުން އެހިސާބުން ދުރުކުރުން.
* ތިމާއަށް އިތުބާރު އޮތްނަމަ ނުވަތަ އެނގޭނަމަ ސިލިންޑަރ ބަންދުކުރުން.
* ސީދާ ގޭސް ސިލިންޑަރުން ލީކުވާކަން އެނގޭނަމަ އަވަހަށް އެސަޕްލައި ކުރި ކޮމްޕެނީއަކަށް އެންގުން.
* ލީކުވާ ސިލިންޑަރު ބަހައްޓާފައިހުރީ އިންޑޯ ތަނެއްގައިނަމަ އަވަހަށް އެތަނުގެ ދޮރުތައް ހުޅުވާލުން.
* އެއްވެސް ގޮތަކަށް އަލިފާން ކަނޑާ އެއްޗެއް ނުވަތަ ކަރަންޓް ސްވިޗެއް އޮންކޮށް ނުވަތަ އޮފްކޮށްގެން ނުވާނެއެވެ. މީގެ ސަބަބުން ސްޕާރކެއްލިބި އަލިފާނުގެ ހާދިސާއެއް ހިނގުން އެކަށީގެންވެ އެވެ.
* އެލްޕީޖީ ސިލިންޑަރާއި ގުޅާފައިވާ ހޮޅިލައިނުން އެއްވެސް ލީކެއް ވާނަމަ ސިލިންޑަރގައި ހަރުކޮށްފައިވާ ރެގިއުލޭޓަރ އޮފްކޮށްލުން ނުވަތަ ވަކިކޮށްލުން. މިކަން މިގޮތަށް ކުރާނީ ތިމާއަށް ސަލާމަތްތެރިކަމާއެކު އެކަން ކުރުމުގެ ޔަޤީންކަން އޮތް ނަމަ އެވެ.

* ގޭސް ސިލިންޑަރުގައި ރޯވާ އަލިފާން ނިއްވުން:

* އަމިއްލަ އަށް ގޭސް ސިލިންޑަރުގައި ރޯވާ އަލިފާން ނިއްވުމުގައި މަސައްކަތްކުރާނީ އެކަން ކުރަން ތިމާއަށް އެނގޭނަމައެވެ. އެހެންނޫންނަމަ އަވަހަށް ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ އެހީތެރިކަމަށް އެދޭށެވެ. ފަހަރުގައި މިފަދަ ސިލިންޑަރ އޯވަރހީޓްވެ ގޮވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، އެތަނުން މީހުން ސަލާމަތްކުރުން ބުއްދިވެރިއެވެ.
* ގޭގައި އަލިފާންނިވާ ސާމާނު ހުރިނަމަ އޭގެ ބޭނުންކޮށްގެން އަލިފާން ނިއްވާނީ އެތަކެތި ބޭނުންކުރަން އެނގޭ ނަމަ އެވެ.
* ސިލިންޑަރު ކައިރީގައި ހުރިތަކެތީގައި އަލިފާން ރޯވެއްޖެނަމަ އަލިފާންނިވާފުޅި ބޭނުންކޮށްގެން އަލިފާން ނިއްވިދާނެއެވެ. ނަމަވެސް މިކަން ކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް އަންގާށެވެ. އަދި އެފަދަ ޔަޤީންކަމެއް ނެތްނަމަ އަވަހަށް އެތަނުން ދުރަށްދާށެވެ.
* ކާރބަންޑައިއޮކްސައިޑް އެކްސްޓިންގުއިޝަ، މިއީ މިފުޅީގެ ތެރެއަށް ޕްރެޝަރައިޒްކޮށްފައިވާ ސީއޯޓޫ އަޅައިގެން ތައްޔާރުކުރެވިފައިވާ އަލިފާން ނިއްވެކެވެ. އެހެން ފުޅިތަކާއި ހިލާފަށް ނޮޒުލްއެއްގެ ބަދަލުގައި ގޭސް ބޭރުވަނީ ހޯންއެއްގެ ތެރެއިންނެވެ. އަދި ބޭރުވާ ގޭހަކީ ވަޔަށްވުރެ ބަރުއެއްޗެއްކަމުން އަވަސްކަމާއެކު ރޯވެފައިވާ އެއްޗެއްގެ ވަށައިގެން ވައި ބަންދުވެ އަލިފާން ނިވެން ފަށައެވެ.
މިއީ މީތޭން، ޕްރޮޕޭން، ބިއުޓޭން، އެސަޓްލިން، ކުކިންގ ގޭސް، ފަދަ ބާވަތްތަކުގައި ހިނގާ އަލިފާނުގެ ޙާދިސާއަށް ވަރަށް ޚާއްޞަ އަލިފާން ނިއްވެކެވެ.