މިދިޔަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި ސްކައި ޑައިވް އިވެންޓެއް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި މިސްރުގެ ރައްޔިތަކު މަކަރާއި ހީލަތުން ފައިސާ ނަގައިގެން ފިލި މައްސަލައެއް ކޯޓުގައި ކުރިއަށްދަނިކޮށް އޭނާއާ ގުޅުންހުރި ކުންފުންޏަކަށް އަނެއްކާވެސް ރާއްޖޭގައި ސްކައިޑައިވް އިވެންޓެއް ބޭއްވުމުގެ ހުއްދަ ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މަކަރާ ހީލަތުން ފައިސާ ނަގައިގެން ފިލީ މިސްރުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަބްދުﷲ އަލް މުރުސީ އެވެ. އޭނާ ރާއްޖެ އައީ ރާއްޖޭގެ ސްކައިޑައިވް ކުންފުންޏެއް ކަމަށްވާ ސްކައިޑައިވް މޯލްޑިވްސް އައިލެންޑް ޕްރައިވެޓް ލިމިޓެޑްއިން އިންތިޒާމް ކުރި އިވެންޓެއް ރާވައި ދޭށެވެ. އެ އިވެންޓްގައި 56 ފަރާތަކުން ބައިވެރިވި އިރު އިވެންޓްގައި ބައިވެރިވުމަށް ކޮންމެ ފަރާތެއްގެ އަތުން 3500 އާއި 4800 ޑޮލަރުގެ އަދަދެއް ވަނީ ނަގައިފަ އެވެ. އޭނާ ރާއްޖެ އިން ފިލީ ޖުމްލަ 109،720 ޑޮލަރާއި އެކު އެވެ.
މި މައްސަލައާ އެ ކުންފުނީގެ ފަރާތުން ފުލުހަށް ހުށަހެޅުމުން ފުލުހުން ތައްޔާރުކުރި ތަހުގީގު ރިޕޯޓުގައިވާ ގޮތުން އިވެންޓުގައި ބައިވެރިވި މީހުން ފައިސާ ޖަމާކޮށްފައިވަނީ މުރުސީ އާއި ގުޅުން އޮންނަ ސްކައިޑައިވް އިޖިޕްޓު ނަމަކަށް ކިޔާ އެކައުންޓަށެވެ. ނަމަވެސް ލިބުނު ފައިސާގެ އަދަދު އޮޅުވާލައި ސްކައިޑައިވް މޯލްޑިވްސް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދޭން މުރުސީ ދެކޮޅު ހަދާފައިވާކަން އެ ރިޕޯޓުން ހާމަވެ އެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ވެސް ނެރެފައިވެ އެވެ. ނަމަވެސް އެ އަމުރު ފަހުން ހައިކޯޓުން ބާތިލުކުރިއިރު މުރުސީ ރާއްޖެ އިން ފުރައިގެންދިޔައީ މިދިޔަ އަހަރުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް އޭނާއާ ގުޅުން ހުރި އިތުރު މައްސަލަތަކެއް ކޯޓުތަކަށް ވަނީ ވައްދާފަ އެވެ. ނަމަވެސް އޭނާ ރާއްޖޭގައި ނެތުމުން ބައެއް މައްސަލަތައް ހުރީ ކުރިއަށް ނުގޮސް ތާށިވެފަ އެވެ.
މުރުސީގެ ބައިވެރިވުން އޮންނަ މިސްރުގެ ފަޔާ ޕެރަޝޫޓާއި މޯލްޑިވްސް ސްކައިޑައިވް އެސޯސިއޭޝަން ގުޅިގެން އދ. މާމިގިލީގައި މިހާރުވެސް އަންނަނީ ސްކައިޑައިވް ކުރުމުގެ ހަރަކާތެއް ބާއްވަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ސްކައިޑައިވް އެސޯސިއޭޝަންގައި އައްޑޫގައި މީގެކުރިން ފްލައިން ސްކޫލް ހިންގި ސްރީލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ އިމްރާން ޖީވަންޖީގެ ބައިވެރިވުން ވެސް އޮވެ އެވެ.
ސްކައިޑައިވް މޯލްޑިވްސް އައިލެންޑް ޕްރައިވެޓް ލިމިޓެޑްގެ އިސް ބޭފުޅަކު "އައްޑޫލައިވް" އާއި ވާހަކަދައްކަމުން ބުނީ މިފަހަރުގެ އިވެންޓު މުރުސީ ބާއްވަމުން އަންނަނީ ދިވެހިންގެ ބަޔަކު ނިވާފަށްގަނޑަކަށް ހަދައިގެން ކަމަށާއި ކޯޓުތަކަށް މައްސަލަ ހުށަހަޅާފައިވާތީ މި އިވެންޓު ބޭއްވުމަށް އޭނާ ރާއްޖެ އައިސްފައި ނުވާ ކަމަށެވެ. އަދި މިފަދަ އިވެންޓުތައް ބޭއްވުމަށް ރާއްޖޭގައި ހުއްދަ ދެނީ ސިވިލް އޭވިއޭޝަނުން ކަމަށްވާއިރު މިކަމުގައި އެ އިދާރާގެ އިހުމާލު ވަރަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މަކަރާއި ހީލަތުން ފައިސާ ހިފައިގެން ފިލި މީހަކު ރާއްޖޭގައި މިފަދަ އިވެންޓެއް ބާއްވާތީ އެކަން ސިވިލް އޭވިއޭޝަނުގެ ސަމާލުކަމަށް ވެސް ގެނައި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި އިވެންޓުގައި މުރުސީގެ ސީދާ ބައިވެރިވުމެއް ނެތް ކަމަށް ބުނެ ސިވިލް އޭވިއޭޝަނުން ވަނީ އިވެންޓު ބޭއްވުމަށް ހުއްދަ ދީފައެވެ.
ސިވިލް އޭވިއޭޝަނުން މިހެން ބުނިއިރު މުރުސީ އަންނަނީ ރާއްޖޭގައި ބާއްވަމުން އަންނަ އިވެންޓާއި ގުޅޭ ފޮޓޯތައް އިންސްޓަގްރާމްގައި ގަވާއިދުން ހިއްސާކުރަމުންނެވެ. އެގޮތުން މި އިވެންޓު ބޭއްވުމުގައި އޭނާގެ ބައިވެރިވުން އޮތްކަން ދާދިފަހުން އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވެ އެވެ.
މަކަރާއި ހީލަތުން ފައިސާ ހިފައިގެން ރާއްޖެ އިން ފިލާ މީހުންގެ މައްސަލަތައް ތަހުގީގު ކުރި ނަމަވެސް އެމީހުންނަށް ހައްގު އަދަބު ނުލިބޭތީ ގިނަ ބަޔަކު އަަބަދުވެސް ޝަކުވާ ކުރެ އެވެ.