މީގެ 10 އަހަރުން ކުރިން އައްޑޫގައި ހިންގި "ބޮޑު ހުޅު" ގައި އަންދައިލި ފަހުން ކުލީ އިމާރާތެއްގައި ހިންގަމުން އަންނަ ފޭދޫ މެޖިސްޓްރޭޓް ކޯޓް ހިންގާނެ އިމާރާތެއް ހޯދަން އަލުން އިއުލާންކޮށްފި އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އިއުލާނެއްގައި ބުނީ އިމާރާތެއް ހޯދަން ދާދި ފަހުން ވެސް އިއުލާންކުރި ކަމަށާއި އެކަމަކު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށެވެ. އެހެންވެ އަލުން އިމާރާތެއް ހޯދަން އިއުލާންކޮށް، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލާފައިފަ އެވެ.
މިކަމާ ބެހޭ މައުލޫމާތު ޝީޓާއި އެހެނިހެން މައުލޫމާތު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ލިބޭނެ އެވެ. ފޭދޫ ކޯޓް މިހާރު ހިންގަމުން އަންނަ ކުލީ އިމާރާތުގައި ހިންގަމުން އަންނަނީ 2014 އިން ފެށިގެންނެވެ. އެއީ ލިންކް ރޯޑް ސަރަހައްދުގައި ހުންނަ ފޭދޫ "3 އެސް ސުޕަމާޓް" ގޯޅި ތެރޭގައި ހުރި ތަނެކެވެ.

ފެބްރުއަރީ 8، 2012 ގައި އައްޑޫގައި ހިންގި "ބޮޑު ހުޅު" ހާދިސާގައި ލިންކް ރޯޑް ސަރަހައްދުގައި ހުރި ފޭދޫ މެޖިސްޓްރޭޓް ކޯޓް އަންދައިލުމުން ދުވަސްތަކެއް ވަންދެން ފޭދޫ ކޯޓް ހިންގީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގަ އެވެ. އޭރު މަރަދޫ ކޯޓް ވެސް އަންދައިލުމުން އެ ކޯޓް ވެސް މަރަދޫފޭދޫ ކޯޓްގައި ހިންގި އެވެ.
މަރަދޫ ކޯޓް 2018 އިން ފެށިގެން ހިންގަމުން އަންނަނީ މަރަދޫ ސްކޫލް ކައިރީ ހުންނަ ކުލީ އިމާރާތެއްގަ އެވެ.
"ބޮޑު ހުޅު" ގައި އައްޑު އަށް ލިބުނު ގެއްލުންތައް:
* ގަން ޕޮލިސް ސްޓޭޝަން އަނދައި އަޅިއަށްވި
* ގަން ޕޮލިސް ސްޓޭޝަންގައި ހުރި އެތައް ވެހިކަލެއް އަނދައި އަޅިއަށްވި
* ފޭދޫ މެޖިސްޓްރޭޓް ކޯޓް އަނދައި އަޅިއަށްވި
* މަރަދޫ މެޖިސްޓްރޭޓް ކޯޓް އަނދައި އަޅިއަށްވި
* ހިތަދޫ މެޖިސްޓްރޭޓް ކޯޓް އަނދައި އަޅިއަށްވި
* ހުޅުދޫ މެޖިސްޓްރޭޓް ކޯޓް އަނދައި އަޅިއަށްވި
* ހިތަދޫ ޕޮލިސް ސްޓޭޝަން އަނދައި އަޅިއަށްވި
* ހިތަދޫގައި ހުރި ފުލުހުންގެ ޓްރެއިނިން ސެންޓަރު އަނދައި އަޅިއަށްވި
* ޓްރެއިނިން ސެންޓަރުގައި ހުރި އެތައް އުޅަނދެއް އަނދައި އަޅިއަށްވި
* ފުލުހުންގެ ހިތަދޫ އެކަމޮޑޭޝަން ބްލޮކް (މިހާރު އޮޑިޓް އޮފީހުގެ ދެކުނު ގޮފި) އަނދައި އަޅިއަށްވި
* ހިތަދޫގައި ހުރި ޕީޖީ އޮފީހުގެ ބިއްލޫރިތައް ތަޅާލައި އެތަނުގައި ވެސް ރޯކުރި