Last Updated: July 12, 17:10
Sunday, July 12, 2026
ވިޔަފާރި

ގެލެކްސީ އެސް22 އަލްޓްރާ އަކީ އަސްލު "ނޯޓެއް"

ސެމްސަންގުން ކުރިން ނެެރެމުން އައި ގެލެކްސީ ނޯޓްގެ ވާހަކަ އަކީ މިހާރު ބަޔަކު ދައްކާ ވާހަކައެއް ނޫނެވެ. އެކަމަކު އެ ކުންފުނިން މި އަހަރު ބޭއްވި ފުރަތަމަ "އަންޕެކްޑް އިވެންޓް" ގައި ބުދަ ދުވަހު ދައްކައިލި ގެލެކްސީ އެސް22 ސީރީޒްގެ ތެރެއިން ގެލެކްސީ އެސް22 އަލްޓްރާ އަކީ އަނެއްކާ ވެސް އަލުން ނޯޓްގެ ހަނދާންތަކުގެ ތެރެއަށް ގެނެސްދިން އުފެއްދުމެކެވެ. ބައެއް މީޑިއާތަކުން 5ޖީއާ ނެޓްވޯކާ އެކު ނެރުނު އެ އުފެއްދުން ސިފަކޮށްފައި ވަނީ ވެސް މުޅިން އެހެން ނަމެއްގައި ނެރުނު "އާ" ނޯޓެއްގެ ގޮތުގަ އެވެ.

މީގެ ހާއްސަ ސިފަ އަކީ ނޯޓްގައި ކުރިން އިން ފީޗާއެއް ކަމަށްވާ އެސްޕެން އެވެ. އާ ޑިވައިސްގައި އެސްޕެން މާ ވަރުގަދަވާނެ އެވެ. މިއީ އެސް-ޕެން ސްޓައިލަސް އެވެ.

ސެމްސަންގުން ވަނީ ގެލެކްސީ އެސް22 އަލްޓްރާގެ ތިން މޮޑެލްއެއް ނެރެފަ އެވެެ. އެއީ 8، 12 އަދި 16 ޖީބީ ރެމާ އެކީގަ އެވެ. އަގުތަކަށް ބަލާ އިރު 8 އާއި 12 ޖީބީގެ އަގުތައް ފެށެނީ 1،199 ޑޮލަރު (18,377ރ.) އިންނެވެ. އަނެއް މޮޑެލްގެ އަގަކީ 1،299 ޑޮލަރު (19,910ރ.) އިންނެވެ.

އެސް22 ސީރީޒްގެ ދަށުން ދެން ނެރެނީ އެސް22 އާއި އެސް22 ޕްލަސް އެ އެވެ. މި ދެ މޮޑެލް އަށް ބަލާ އިރު، މިއީ ގާތްގަނޑަކަށް ހަމަ އެސް21 އާ ދާދި އެއްކަހަލަ ފޯނުތަކެވެ. އަގުތައް ފެށެނީ 799.99 ޑޮލަރު (12,261ރ.) އާއި 999.99 ޑޮލަރު (15,327ރ.) އިންނެވެ.

ސެމްސަންގް ގެލެކްސީ އެސް22 ސީރީޒްގެ ފޯނުތައް ވިއްކަން ފަށާނީ މި މަހުގެ 25 އިން ފެށިގެންނެވެ. މިހާރު ވަނީ ޕްރީ-އޯޑަރަށް ހުޅުވާލައިފަ އެވެ.