"އިންޑިއާ އައުޓް" މަނާކުރުމަށް 'ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކޮށް، ވާހަކަދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ބިލު'ގެ ނަމުގައި މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ނިންމާފައިވާ ބިލާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ދެކޮޅުކަން ހާމަކޮށްފިއެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވީ، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހުރިހާ އެންމެންވެސް އިހްތިރާމް ކުރަންޖެހޭނެކަމެއް ކަމަށެވެ.
"އެހެންމަ އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ކަމެއް، އެ ޤާނޫނުއަސާސީއާ ހިލާފުވާގޮތަށް ބިލެއް ހުށަހަޅައިގެން ފާސްކޮށްގެން ކުރެވިދާނެ ކަމަކަށް." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދޭދޭ ގައުމުތަކާމެދު ފިތުނަ އުފެއްދުމަށް ނުވަތަ ނުރުހުންފާޅުކުރުމަށް ދެކެވޭ ވާހަކަ މަނާކުރުމަށް ބިލެއް ހުށަހަޅައިގެން ކުރިއަށްގެންދެވޭނެ ކަމަށް ނުދެކޭކަމަށެވެ. މިކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި އަބުރުގެ ބިލު ފަދަ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ މިފަދަ ކަންކަން ދިމާވަނީ ސަރުކާރުގެ ދެފުށްފެންނަ ސިޔާސަތެއް ނެތުމުން ކަމަށެވެ. އަދި އެއްވެސް އެގްރިމެންޓެއް ސިއްރުކުރަން ޖެހޭނެކަމަށް ނުދެކޭކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެގްރިމެންޓްތައް ހާމަކަންމަތީ ރައްޔިތުންނާ ހަމައަށް ދާނަމަ، ޝައްކުކުރުމުގެ ޖާގަ ރައްޔިތުންނަށް ނުލިބޭނެކަމަށް ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" މަނާކުރަން ބިލެއް ހުށަހެޅުމަށް އެމްޑީޕީން ނިންމާފައިވާއިރު، "އިންޑިއާ އައުޓް"ގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.
އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.