Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ރިޔާސީ ޓިކެޓަށް އެމްއެންޕީއާ ގުޅެން ދައުވަތު ދީފި

ފޮޓޯ: އެމްއެންޕީ

އަންނަ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުން އެ ޕާޓީއާ ގުޅުމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ދައުވަތުއަރުވައިފިއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެމްއެންޕީގެ އެތެރޭގެ އިންތިހާބުތައްވެސް ބޭއްވިގެންދާނެކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީވެސް މިއަހަރު ބާއްވާނެކަމަށެވެ. އިންތިހާބުތައް ބާއްވާނެ ދުވަސްތައް މަޝްވަރާ ކުރަމުން އަންނަކަމަށާއި، އެ ދުވަސްތައް ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ހުރިހާ ބޭފުޅުންނަށްވެސް ހުޅުވިފައިވާ ޕާޓީއެއް ކަމަށާއި، ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ދެފުށްފެންނަ ގޮތަށް ބޭއްވޭނެ އިންތިހާބުތަކެއް ކަމަށެވެ.

މި ޕްރެސް ކޮންފަރެންސްގައި ނާޒިމް ވަނީ އެމްއެންޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް އެ ޕާޓީއަށް ވަނުމަށްވެސް ދައުވަތު އަރުވާފައެވެ.

"އެއްވެސް ބޭފުޅަކު ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގަންވަން ބޭނުންފުޅު ބޭފުޅަކު ހުންނެވިނަމަވެސް މިޕާޓީއަށް ވަދެވަޑައިގަތުމަށް އަޅުގަނޑު ދައުވަތު އަރުވަން. މިޕާޓީގަ އަބަދުވެސް ދޮރު ހުންނާނީ ހުޅުވިފައި." ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީއިން ރިޔާސީ ޕްރިމައިމަރީ ބޭއްވުމަށް ނިންމާ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ޕާޓީއާ ގުޅުމަށް ގޮވާލާފައިވާއިރު، މިފަހުން ބޭއްވި ކޮމަންޑޫ ދާއިރާގެ އިންތިހާބުގައިވެސް އެމްއެންޕީން ވަނީ ވާދަކޮށްފައެވެ. އެ އިންތިހާބުގައި އެމްއެންޕީން ވަރުގަދަ ކެމްޕޭނެއް ކޮށްފައިވީނަމަވެސް އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ވެރިކަންކުރާ އެމްޑީޕީންނެވެ.