Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ޝާހިދު ވާދަނުކުރައްވާނެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ރައީސް އޮފީސް

މިވަގުތު އިތުރު މަގާމަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަމެއް ނެތްކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.

ޝާހިދުގެ އަރިސް ބޭފުޅަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، "މިވަގުތު ޝާހިދު އިތުރު މަގާމަކަށް ޝައުގުވެރިކަމެއް ނެތް" ކަމަށެވެ.

މިފަދައިން ޝާހިދުގެ އަރިސް ބޭފުޅަކު ވިދާޅުވެފައިމިވަނީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ޝާހިދު ނިކުންނަވާނެކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނިކޮށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ޝާހިދު ވާދަކުރާކަން މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ އިނޮކިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމަގާޟަށް ވާދަކުރާކަން ހާމަކޮށްފައިވަނިކޮށެވެ. އަދި އެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުވެސް ވާދަކުރައްވައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ހަސަން ލަތީފްގެ ޗެއާޕާސަންގެ ދައުރު މިއަދަށް ހަމަވާއިރު އޭނާ އެމަގާމަށް އައްޔަނު ކޮށްފައިވަނީ ފަސް އަހަރުގެ ދައުރަކަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމާފައިވާއިރު އެ ބައްދަލުވުމަށް ވަނީ ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް އެޖެންޑާ ކޮށްފައެވެ.