ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އަށް ލިބިއްޖެ އެވެ.
އޮލިމްޕިކް ސްކޮލާޝިޕަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންގެ ހުނަރާއި ކާމިޔާބީތަކަށް ބަލައި، އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތުލީޓުންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އިން ދޭ މާލީ އަދި ފަންނީ އެހީތެރިކަމެކެވެ.
އައްޑޫ ސިޓީ އަށް ނިސްބަތްވާ ހިމްނާ އަކީ ފާއިތުވި ގިނަ މުބާރާތް ތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިއެކެވެ. ހަމަ އެހެންމެ އެތައް ފަހަރެއްގެ މަތިން މުބާރާތް ތަކުގައި އުމުރުފުރާގެ އެންމެ މޮޅު އެތުލީޓު އަދި ބެސްޓް އޯލް ރައުންޑް އެތުލީޓުގެ މަގާމު ވެސް ހިމްނާ ވަނީ ހޯދާފަ އެވެ.
އެގޮތުން ހިމްނާ ވަނީ 2018 އަދި 2019 ވަނަ އަހަރު އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑާއި، ޖޫނިއާ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުގެ އިތުރުން 400 މީޓަރު ދުވުމުން ގައުމީ ޔޫތު ރިކޯޑު ގާއިމުކޮށްފަ އެވެ.
ހިމްނާގެ އިތުރުން އޮލިމްޕިކް ސްކޮލާޝިޕް މިފަހަރު ވަނީ ރާއްޖޭގެ އިތުރު ހަތަރު އެތްލީޓަކަށް ލިބިފަ އެވެ. އެއީ ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ، ބެޑްމިންޓަނުން ނިބާލް އަހުމަދާއި ސާފިން އިން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޝޫޓިން އިން ޒިޔާން ސިޔާއު އެވެ.