Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

މޯލްޑިވިއަނާއި އެމިރޭޓްސް އެެމްއޯޔޫއަކަށް

ރާއްޖޭގެ ހައުމީ އެއާލައިން، މޯލްޑިވިއަނާއި ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް ގުޅިގެން ބައެއް ހިދުމަތްތައް ދިނުމާ ބެހޭ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިކަމ ބެހޭ ގޮތުން މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނީ ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ވެސް ގުޅިގެން މަސައްކަތްކުރަން ނިންމާފައިވާ ކަމަށެވެ.

ބަޔާނުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ހަވާލާދީ ބުނެފައި ވަނީ އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އުފިލާ އެއާލައިނަށްވެފައި އެ އެއާލައިނާ އެކު ޕާޓްނަޝިޕެެއް އުފެއްދިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ފައިދާކޮށް ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އިގްތިސާދީ ވަރުގަދަ ގުޅުމެއް އުފެދޭނެ ކަމަށެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވޮި ގޮތުގައި އެމިރޭޓްސްއާ އެކު ޕާޓްނަޝިޕެއްގެ ފުރުސަތެއް ފަހިވުމަކީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އޭވިއޭޝަން ދާއިރާ އަލުން ކޮޅަށް ޖަހަން ލިބޭނެ ފުރުސަތަކަށް ވާނެ އެވެ. އެގޮތުން އިންޓަލައިން އައި ކޯޑްޝެއާ އެރޭންޖްމަންޓަކަށް އާދެވިއްޖެ ނަމަ މޯލްޑިވިއަނާއި އެމިރޭޓްްސްގެ ކަނެކްޓިވިޓީ އާއި ހިދުމަތްތައް އިތުރަށް ފުޅާވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާދު ވިދާޅުވި ގޮތުގައި ކޯޑްޝެއާކުރުމާއި އިންޓަލައިން ހިދުމަތްތަކުން މޯލްޑިވިއަނާއި އެމިރޭޓް ގުޅުލައިމުން ވެސް ވަރަށް ބޮޑަށް ފައިދާކުރާނެ އެވެ. އަދި އޭގެ ސަބަބުން ރާއްޖޭން ދަތުރުކުރާ މީހުންނަށް އެމިރޭޓްސްގެ 120 އަށް ވުރެ ގިނަ މަންޒިލާ ދުބާއީ މަގުން ގުޅުވައިދެވޭނެ ލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި އިންޓަލައިން އަދި ސްޕެޝަލް ޕްރޮރޭޓް އެގްރީމަންޓް (އެސްޕީއޭ) އަކާ އެކު އިންޓަލައިން އަދި ކޯޑްޝެއާރިންއާ ގުޅޭ ހުއްދަތައް ހޯދުމާއި ޓެކްނިކަލް ފީޒިބިލިޓީ ހަދައި މި ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ދެ އެއާލައިނުން ކުރާނެ އެވެ.