ސަރުކާރުން ހިންގާ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ހަ ވަނަ ބުރުގައި ބައިވެރިވާން މިއަދު ހުޅުވާލައިފި އެވެ.
އެތަނުން ބުނީ 25 މީހުންނާ އެކު އަންނަ މަހުގެ 22 ގައި ފަށަން ނިންމާފައިވާ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ފޯމް www.igmh.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.
މި އިންޓާންޝިޕް ޕްރޮގްރާމްގެ ޝަރުތުތަކަކީ މެޑިކަލް ކޮލެޖް/ޔުނިވަސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުމުގެ އިތުރަށް ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުމެވެ.
އައިޖީއެމްއެޗުބް ބުނި ގޮތުގައި އިންޓާންޝިޕް ޕްރޮގްރާމަށް ޝަރުތު ހަމަވާ 25 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރި ފަހުން ގިނަ ދުވަސް ވެފައިވާ މީހުންނަށެވެ. މިކަމާ ބެހޭ އިތުރު މަޢުލޫމާތު 3335191 އިން ހޯދޭނެ އެވެ.
އިންޓާންޝިޕް ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށްް އެއްވެސް މުސާރައެއް/ އިނާޔަތެއް އަދި އެލަވަންސެއް ވެސް ނުލިބޭނެ އެވެ.