Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދޭން އެދި ސިޓީއެއް

ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަދޭން އެދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަޖިލީހަށް ސިޓީއެއް ހުށަހަޅައިފި އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އެލްޖީއޭގެ ބޯޑު ބައްދަލުވުމެއްގައި ތިނަދޫ ކައުންސިލުން "ތިނަދޫ ރަށުު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް" ލިޔުންތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ލިޔުންތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ފަހު، މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާ ކުރުމަށް ފަހު މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ބުނެފައިވެ އެވެ.

"[އެހެންވެ] މި މައްސަލައާ ގުޅޭ ގޮތުން ތިޔަ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އެދި ދެންނެވީމެވެ". ސިޓީގައިވެ އެވެ.

ހުވަދު އަތޮޅުގެ މައި ހަބެއްގެ ގޮތުގައި ބެލެވޭ ތިނަދު އަށް ސިޓީއެއްގެ ދަރަށް ދިނުމަށް އެ ރަށު ކައުންސިލުން ވެސް ތަކުރާރުކޮށް ގޮވައިލަމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެދާނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ކައުންސިލުން ކުރަން ޖެހޭ ކަންކަން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށް ވެސް ތިނަދޫ ކައުންސިލުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ރަށުން ބޭރު މީހުންނަށް އެ ރަށުން ގޯތި ދިނުން ފަދަ ކަންކަން ހިމެނެ އެވެ.

ސިޓީއެއްގެ ދަރަޖަ ދިނުމުގައި އެންމެ މައިގަނޑު އެއް ކަމަކަށް ބަލަނީ އާބާދީ 10،000 އަށް ވުރެ ދަށްނުވުމެވެ.