Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

އުތުރުތިލަފަޅަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް: ޔާމީން

އުތުރުތިލަފަޅަކީ އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ކަމަށާއި އެއީ ރާއްޖެ އަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން މިއަދު ހަވީރު ރ. މީދޫގައި ވާހަކަ ދައްކަވަމުން ޔާމީން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް އިރު، މިހާރު ވެސް މަދުވެގެން މަދުވެގެން ފަސް ސަރަހައްދެއްގައި ބަނޑަހަޖަހައިގެން އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި މިފަދަ ބިރުވެރިކަމެއް އޮތް އިރު އުުތުރުތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ވެސް ހިނގާ ތަނެއް ނޫނެވެ. އަދި އެ ތަނަކީ ދިވެހި ދައުލަތުގެ ފައިސާއިން ބިނާ ކުރަމުން އައި ތަނެއް ނަމަވެސް އެތަން ތަރައްގީކުރުމުގެ ނަމުގައި އިންޑިއާ އަސްކަރިއްޔާއާ ހަވާލުކުރީ ފޮރުވިފައިވާ އެގްރީމަންޓެއްގެ ދަށުން ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން ބުނަމުން ދިޔައީ އިންޑިއާ ސިފައިންނެއް ނެތޭ. ދެން ފަހުން ބުނަމުންދިޔައީ ބަޔަކު އެބަތިއްބޭ އެކަމަކު އެ އައީ ތިމަންނާމެންނަށް އެކިކަހަލަ ފަންނީ އެހީތެރިކަން ފޯރުކޮށްދޭށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ. "މިހާތަނަށް ސަރުކާރުގެ އިސްފަރާތަކުން އިސް މުއައްސަސާތަކުގެ އިސް މީހުން ބުނަމުން މިދަނީ އުތުރުތިލަފަޅު އެގްރީމަންޓަކީ ތިމަންނަމެން އެދިގެން ތިމަންނަމެންނަށް ކޮށްދިން ކަމެކޭ. ނޫން. ބޮޑުތަނުން އެހަދަނީ ދޮގު."

ޔާމީން ވިދާޅުވީ މިއަދު ދިވެހި ސިފައިންނަށް އުތުރުތިލަފަޅު ހިންގައި ދިނުމުގެ ނަމުގައި، ނުވަތަ އެތަނަށް ބޭނުންވާ ވަސީލަތް ގާއިމުކޮށްދިނުމުގެ ނަމުގައި އައިސް އެތިބީ އިންޑިއާގެ އަަސްކަރިއްޔާ ކަމަށެވެ.

"މާލޭގެ ހުޅަނގު އުތުރުން އެ އޮތީ އުތުރުތިލަފަޅު. މިކީއެއް ސިފައިންގެ މަރުކަޒެއް ނޫން. މިކީއެއް މިއަދު ދިވެހިރާއްޖޭގެ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން. މީ ދިވެހި ދައުލަތުގެ ބާރު ހިނގާތަނެއްވެސް ނޫން. މިއީ ފުރިހަމައަށް އިންޑިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮތް ތަނެއް. އަޅުގަނޑު ބުނީމަ ގަބޫލު ކުރައްވާ،" ޔާމީން ވިދާޅުވި އެވެ. "މިއީ ދިވެހި ދައުލަތުގެ ބާރު ހިނގާ ތަނެއް ނޫން. މިއީ ފުރިހަމައަށް އިންޑިއާ ސަރުކާރުގެ އަދި އިންޑިއާ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް. އެ އޮތީ އަޅުގަނޑުމެންގެ ވެރިކަން ކުރާ ރަށާއި ދާދި ގާތުގައި. އެއީ އެންމެ ކައިރިން މި ނުރައްކާ އިހުސާސް ކުރާ ހިސާބު. ދެން މުހިންމު ހުރިހާ ހިސާބެއްގައި އެބަ ތިބި އިންޑިއާ ސިފައިން ބަނޑަހަޖަހައިގެން."

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާއިން އެތަން ތަރައްގީކޮށްދެނީއެއް ނޫނެވެ. އަދި އުތުރުތިލަފަޅުގެ އެގްރީމަންޓުގައި އޮތް ގޮތުން އެތަން އިމާރާތްކޮށް، މެނޭޖްކޮށް އަދި އެޑްމިނިސްޓާ ކުރާނީ ވެސް އިންޑިއާ އަސްކަރިއްޔާއިން ކަމަށް ތުހުމަތުކުރެއްވި އެވެ.

"އަދި މިތަނަށް އަންނަ އިންޑިއާގެ އެއްވެސް ސިފައިންގެ އޮފިސަރަކަށް ވަކި ރޭންކަކަށް ވަކި އަދަދަކަށް ދިވެހި ސަރުކާރަށް އެއްވެސް ގޮތަކަށް ހުރަސް އެޅުމުގެ އިހުތިޔާރެއް ނެތް." ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން އުތުރުތިލަފަޅު ތަރައްގީކުރުމުގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާއާ އެކު ހަދައިފައިވާ އެއްބަސްވުމުގައި ތިން ވަނަ ފަރާތަކަަށް އެ އެއްބަސްވުން ނުދެއްކޭނެ ކަމަށް ލިޔެފައިވާކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ އެއްބަސްވުން މަޖިލީހަށް ނުދައްކަން އުޅޭ ސަބަބަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.