Last Updated: June 14, 17:56
Sunday, June 14, 2026
ޚަބަރު

އެމެރިކާ މީހުން ޔުކްރޭނުން ފައިބަން އަންގައިފި

ޔޫކްރެއިންގެ ސިފައިން ތަމްރީން ތަކެއްގެ ތެރެއިން--

ރަޝިޔާއިން ޔޫކްރެއިނަށް "ކޮންމެ ވަގުތަކުވެސް" ހަމަލާދީފާނެކަމަށާއި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެމެރިކާގެ ރައްޔިތުން އެގައުމުން ފޭބުމަށް އެމެރިކާއިން އަންގައިފިއެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ ބޯޑަރުކައިރީގައި ނުތަނަވަސްކަން އިތުރުވެފައިވާއިރު، ރަޝީޔާއިން ޔޫކްރެއިނަށް ކޮންމެ ވަގުތަކުވެސް ހަމަލާދީފާނެކަމަށް ބައެއް ގައުމުތަކުން އަންނަނީ ބުނަމުންނެވެ. އަދި އެކަމުގެ ސަބަބުން ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުންނަށް ޔޫކްރެއިނުން އަވަހަށް ފޭބުލަށް އެގައުމުތަކުން އަންނަނީ އަންގަމުންނެވެ. އޭގެތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ނެދަލޭންޑްސް، ޖަޕާން، އޮސްޓްރޭލިއާ، ނިއުޒްލަންޑް އަދި ސައުތް ކޮރެއާ ހިމެނެއެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އެޑްވައިޒަރާ ހަވާލާދީ ބޭރުމީޑިއާތަކުން ބުނެފައިވަނީ، ރަޝިޔާގެ ފައުޖުތައް މިހާރު ތިބީ "އަސްކަރީ ބޮޑު ފިޔަވަޅެއް އެޅުމަށް ތައްޔާރީ ހާލަތުގައި" ކަމަށެވެ. ރަޝިޔާއިން އަމަލުކުރާނެގޮތަށް ސީތާ ޔަގީނަށް ނޭންގުނު ނަމަވެސް، އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާ، ޔޫކްރެއިނަށް ކޮންމެ ވަގުތަކުވެސް ހަމަލާ ދީފާނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މީގެއިތުރުން އިނގިރޭސިވިލާތުންވެސް ވަނީ ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދީފާނެ ކަމަށްބަލާ އެގައުމުގެ ރައްޔިތުންނަށްވެސް ޔޫކްރެއިނުން އަވަހަށް ފޭބުމަށް އަންގާފައެވެ.

ރަޝީޔާއިން ޔޫކްރެއިނަށް އަރާ ހަމަލާދީފާނެކަމުގެ އިންޒާރު ހުޅަނގުގެ ގައުމުތަކުން ދެމުން އަންނައިރު، ރަޝިޔާއިން އަންނަނީ އެކަން ދޮގުކުރަމުންނެވެ. އަދި ޔޫކްރެއިނަށް ހަމަލާދޭން ނޫޅޭ ކަމަށާއި، އެވާހަކަތަކަކީ ރަޝީޔާއާ ދެކޮޅަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް އަންނަނީ ބުނަމުންނެވެ.

ރަޝިޔާ – ޔޫކްރެއިން ނުތަނަވަސްކަމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ރަޝީޔާގެ ރައީސް ވްލެޑްމިއަރ ޕޫޓިން މިއަދު ފޯނުން ގުޅުއްވާ މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.