Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ލިންކްގައި 60 ކިލޯމީޓަރަށް ދުއްވޭ ސަރަހައްދަށް ބަދަލެއް

އައްޑޫ ހިތަދޫން ލިންކް ރޯޑަށް ނުކުމެ ދުއްވާ އިރު 60 ކިލޯމީޓަރަށް ދުއްވަން ހުއްދަ ފެށޭ ހިސާބަށް ޖަހާފައި އިން ބޯޑް ލިންކް ރޯޑްގެ ރުއްގަނޑު ސަރަހައްދަށް ބަދަލުކޮށްފި އެވެ.

މިކަމާ ގުޅޭ ގޮތުން ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު އަދާލާ ވިދާޅުވީ ކުރިން ހިތަދޫ ޒޯން ސްޓޭޑިއަމާ ދިމާލުން ލިންކް ރޯޑްގައި ޖަހާފައި އިން 60 ކިލޯމީޓަރަށް ދުއްވުމުގެ ހުއްދަ ފެށޭ ސަރަހައްދު ކަނޑައަޅާފައިވާ ބޯޑް މިހާރު އާރްއޭއެފް ސަރަހައްދުން އޮންނަ ރުއްގަނޑު ފެށޭ ހިސާބަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"މިސަރަހައްދަކީ މިހާރު މީހުން އާބާދުވެފައިވާ ސަރަހައްދެއް ކަމުން ދުއްވާ ފަރާތައް ފަރުވާތެރިވުމަށް އިލްތިމާސްކުރަން،" އަދާލާ ވިދާޅުވި އެވެ. "އެކެއްގެ ފަރުވާތެރިކަން، އެންމެންގެ ރައްކާތެރިކަން. ދުވެލި މަޑު ކުރައްވާ! ސަމާލުވެލައްވާ!"

ޒޯން ސްޓޭޑިއަމާ ދިމާލުން 60 ކިލޯމީޓަރަށް ދުއްވުމުގެ ހުއްދަ ފެށުނަސް މިހާރު ގެނައި ބަދަލަށް ބަލާ އިރު، 30 ކިލޯމީޓަރަށް ދުއްވަން އަލަށް ކަނޑައެޅި ދިމާލަކީ ގިނަ ބަޔަކު އާބާދުވަމުން އަންނަ އަދި އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ދެވޭ މަގުތަކާއި މިހާރު މިސްކިތެއް ވެސް ބިނާކުރަމުން އަންނަ ސަރަހައްދެއްގެ އިތުރުން ރެސްޓޯރަންޓާއި ހިތްފަސޭހަކޮށްލަން ޕާކެއް ވެސް ހަދާފައި އޮތް ވަރަށް ހަލަބޮލި ސަރަހައްދެކެވެ.

ލިންކް ރޯޑްގައި 60 ކިލޯމީޓަަރަށް ދުއްވުމުގެ ހުއްދަ އަލަށް ގެނައި ބަދަލާ އެކު އޮންނާނީ ރުއްގަނޑާ ދިމާލާއި މަރަދޫ ކޮޅުން ހަންކެޑެ ފެށޭ ހިސާބާ ދެމެދުގަ އެވެ. އަދި މި ދޭތެރޭގައި ދުއްވާ އިރު ހެލްމެޓް އެޅުމަކީ މަޖުބޫރުކަމެކެވެ.