އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް އޭޕްރިލް 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 19 ވަނަ ދުވަހުގެ 16:00 އާހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
މަގާމުތަކަށް ކުރިމަތި ލައްވާ ބޭފުޅުން ޕާޓީގެ އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ޕާޓީގެ އިންތިޙާބާއި ބެހޭ ކޮމިޓީގެ އީމެއިލްއަށް ([email protected]) އަށް ފޮނުވުމަށް އެމްޑީޕީން އެދިފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ލަތީފްގެ ޗެއާޕާސަންގެ މުއްދަތު މިއަދަށް ވަނީ ހަމަވެއެވެ.
ޗެއާޕާސަން ކަމަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށްފައިވަނީ އެސްޓީއޯގެ އެމްޑީ ހުސައިން އަމުރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.