ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ބްރެޒިލްގެ ޕަލްމެއިރާސް އަތުން 2-1 އިން މޮޅުވެ، ޗެލްސީން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ކްލަބު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޗެލްސީން ހޯދި ފުރަތަމަ ފަހަރެވެ. އަދި މި ތަށްޓާއެކު ޗެލްސީން މިހާރު ވަނީ ބޮޑު ހުރިހާ މުބާރާތެއްގެ ތަށިތަކެއް ކާމިޔާބުކޮށްފަ އެވެ. ޗެލްސީ އަކީ މި ތަށި ކާމިޔާބުކުރި އިނގިރޭސިވިލާތުގެެ ތިންވަނަ ޓީމެވެ. މީގެކުރިން މި ތަށި ކާމިޔާބުކުރި އިނގިރޭސި ދެ ޓީމަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އެވެ.
ޔޫއޭއީގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މެޗުގެ 55 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގާފަ އެވެ. އެގޮތުން ހަޑްސަން އޮޑޯއި ނަގައިދިން ހުރަހެއް ބޮލުން ކުރިއަށް ފޮނުވާލައިގެން މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.
މި ގޯލަށްފަހު ޗެލްސީން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 64 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޕަލްމެއިރާސް ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ޕެނަލްޓީ ޕަލްމެއިރާސް އަށް ލިބުނީ ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ އަތުގައި ބޯޅަ ޖެހުމުން ކަމަށްވާއިރު އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ރަފޭލް ވެއިގާ އެވެ.
މި ގޯލަށްފަހު ޕަލްމެއިރާސް އިން ވަރަށް ރަނގަޅު ޑިފެންސިވް ކުޅުމެއް ކުޅެފައިވާއިރު، 90 މިނެޓް ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން މި މެޗުން ޗެލްސީ މޮޅުވީ 15 މިނެޓްގެ ދެވަނަ ހާފްގައި ޕަލްމެއިރާސްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ޗެލްސީ އަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިދިނީ ކައި ހަވެޓްޒް އެވެ. ހަވެޓްޒް އަކީ ޗެލްސީ އަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިދިން ގޯލުވެސް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޕަލްމެއިރާސްގެ ލުއާން ގާސިއާ އަށް ދެއްކި ރަތްކާޑާއެކު އެޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ހަވެޓްޒް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެލްސީގެ ތަޖުރިބާކާރު ޑިފެންޑަރު ސިލްވާ އެވެ.
މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީއާ ހަވާލުވީ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެ ޗެލްސީން ހޯދި ތިންވަނަ ތަށްޓެވެ. ޗެލްސީން މީގެކުރިން ވަނީ ޗެމްޕިއަންސް ލީގު އަދި ޔޫއެފާ ސުޕާ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.