Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފި

ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބޮޑީވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތް ޝައުނާއެވެ.

ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ 200 ކެމެރާއާ އެކު މާލެސިޓީއާއި އައްޑޫސިޓީގައެވެ. ބޮޑީވޯން ކެމެރާގެ ގޮތުގައި ފުލުހުން ބޭނުންކުރާނީ މިކަމަށް މާކެޓްގައި ހުރި އެންމެ ފަހުގެ ކެމެރާ ކަމަށްވެސް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ބޮޑީވޯން ކެމެރާއަކީ ފުލުހުން ޖަވާބުދާރީ ކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗަކަށް ވާނެކަމަށެވެ. އަދި މިއީ ހަމައެކަނި ފުލުހުން ޖަވާބު ދާރީ ކުރުމަށް ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ފުލުހުން ރައްކާތެރި ކުރުމުގައި އަދި ދޮގު ތުހުމަތުތަކުން ސަލާމަތްވުމަށްވެސް މި ބޮޑީވޯން ކެމެރާ މުހިންމު ދައުރެއް އަދާކުރާނެކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ ބޮޑީވޯން ކެމެރާއިން ތަހުގީގުތައް އަވަސްކުރެވި ބޮޑު އެހީއަކަށް ވާނެކަމަށެވެ. އަދި ފުލުހުންނަށް ފާރަވެރިވާ ފަރާތްތަކަށްވެސް ކަންކަން ބެލުމުގައި އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މީގެއިތުރުން ސީޕީ ހަމީދު ވިދާޅުވީ މިހާރު ކެމެރާ ހުރި މިންވަރަށްބަލާ ހުރިހާ ފުލުހުން ކެމެރާ ބޭނުންނުކުރާނެ ކަމަށެވެ. އެހެންކަމުން އިތުރު ކެެމެރާ ހޯދުމަކީ ކުރާނެ ކަމެއް ކަމަށާއި، އަދި އެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ވިދާޅުވިއެވެ.

ބޮޑީވޯން ކެމެރާ ބޭނުންކުރަންފެށީ 200 ކެމެރާއާ އެކުކަން ފާހަގަކޮށް ސީޕީ ހަމީދު ވިދާޅުވީ 1200 ކެމެރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މާލެ އާ އައްޑޫގައި ބޮޑީވޯން ކެމެރާއާއެކު ފުލުހުން ހަރަކާތްތެރިވާން ފެށިނަމަވެސް، ކުރިއަށްއޮތް ތަނުގައި އެހެން ސަރަހައްދުތަކުގައިވެސް މިކަން ފަށާނެ ކަމަށެވެ.