އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވާދަނުކުރައްވަން ނިންމަވައިފިއެވެ.
އަމްރުގެ އަރިސްބޭފުޅަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވަނީ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އަމްރު ވާދަކުރައްވާނެކަން ހާމަކުރައްވާފައި އޮތް ނަމަވެސް، މިހާރު އެ މަގާމަށް ވާދަނުކުރައްވާނެ ކަމަށެވެ.
ޗެއާޕާސަންގެ މަގާމަށް އަމްރު ވާދަނުކުރައްވަން ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) ވަނީ ހާމަކުރައްވާފައެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް އެ މަގާމަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައިވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 19 ވަނަ ދުވަހުގެ 16:00 އާހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.