Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ކަރަންޓް އިގްތިސޯދުކުރާ ނަމަ ބިލުން 15 ޕަސެންޓް ކުޑަކުރެވޭނެ"

ހަސަން މުގުނީ-- ފޮޓޯ: ސްޓެލްކޯ

ހޫނު މޫސުމުގައި ކަރަންޓަށް ވިސްނައިގެން ކަރަންޓް އިގްތިސޯދު ކުރާނަމަ ބިލުން 15 ޕަސެންޓާ ހަމައަށް ކުޑަކުރެވޭކަމަށް ތަފާސްހިސާބުން ފެންނަ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ކޮންމެ އަހަރެއްގެވެސް ހޫނު ގަދަ ދުވަސްވަރާއި ދިމާކޮށް، ހަކަތަ އިގްތިސާދު ކުރުމަށް ބާރުއަޅައި، ސްޓެލްކޯއިން ހިންގަމުން ގެންދާ "ސޭވް އެނާޖީ ކެމްޕެއިން"ގައި މިއަހަރު ކުރަން ރާވާފައިވާ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ހަސަން މުގުނީ ވިދާޅުވީ، ކޮންމެ އަހަރެއްވެސް ފެށިގެން އަންނަ ދުވަސްވަރު ކަރަންޓް ބިލު ބޮޑުވުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަންނަކަމަށެވެ.

މުގުނީ ވިދާޅުވީ މި ކެމްޕޭންގެ މަގުސަދަކީ ކޮންމެ އަހަރުވެސް ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ބިލު ބޮޑުވުމަށް ދިމާވާ ސަބަބުތައް އާންމުންނަށް ސާފުކޮށްދީ، ކަރަންޓް ބިލު ކުޑަކޮށް ކަރަންޓް އިގްތިސާދު ކުރެވޭނެ ކަންކަން ސާފުކޮށްދިނުން ކަމަށެވެ. އަދި އެ މައުލޫމާތުތައް އާންމުންނަށް ހިއްސާކުރުމަށް އެކި ޕްލެޓްފޯމްތައް ބޭނުންކުރާނެކަމަށެވެ.

މި ކެމްޕޭން ވޭތުވެދިޔަ ތިން އަހަރު ކުރިއަށްގެންދިޔަކަން ފާހަގަކޮށް މުގުނީ ވިދާޅުވީ 2020 އަދި 2021 ވަނަ އަހަރު މިކަމުގައި ސްޓެލްކޯއަށް ލިބުނު ޝަކުވާތައް ނިސްބަތުން ދަށްވެފައިވާކަމަށެވެ.

"އުންމީދުކުރަނީ އާންމު ރައްޔިތުންނަށް މިކަމާގުޅިގެން މައުލޫމާތުތައް ލިބިގެން ދާމިންވަރަކުން، އަޅުގަނޑުމެންނަށް [ސްޓެލްކޯއަށް] މިކަމާ ގުޅިގެން ލިބެމުން އަންނަ ޝަކުވާތައްވެސް މަދުވާނެކަމަށް. އަދި ހަމަ މިއާއެކު އާންމު ރައްޔިތުންވެސް ކަރަންޓް އިގްތިސާދު ކުރުމާ ގުޅޭގޮތުން އިތުރަށް ވިސްނާ އަދި އެކަންކަމަށް އަމަލީ ސިފަތަކެއް ގެންނަވާނެކަމަށް." މުގުނީ ވިދާޅުވިއެވެ.

މުގުނީ ވިދާޅުވީ މިދުވަސްވަރު ވިސްނައިގެން ހަކަތަ އިގްތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެވޭނަމަ، 15 ޕަސެންޓާ ހަމައަށް ބިލު ކުޑަކުރެވޭކަން ތަފާސްހިސާބުން ފެންނަ ކަމަށެވެ.

މިއަހަރު "ސޭވް އެނަރޖީ ކެމްޕޭން"ގައި ކަރަންޓް އިގްތިސޯދު ކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ބާއްވާ އެ ޕްރޮމޯޝަނުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކަރަންޓް އިގްތިސޯދު ކުރުމާގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެކި ޕްލެޓްފޯމް ތަކުގައި މައުލޫމާތު ދިނުމަށް ނިންމާފައިވާކަމަށެވެ.