މިއަދު ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާއިން ފުލުހުންނާއި ރައްޔިތުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މިމަސައްކަތަކީ ފުލުހުންގެ ހިދުމަތް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރުވޭ ކަމެއްކަމަށެވެ.
އިމްރާން ވިދާޅުވީ މިކަމަށް ސަރުކާރުން ދެއްވި އިސްކަމާއި ފުލުހުންގެ އިސްސަފުން މިކަމަށް ދެއްވި އިސްކަމުގެ ސަބަބުން ފަސް އަހަރުގެ އެކްޝަން ޕްލޭންގެ ތެރޭގައި މިކަން ހިމަނާ ފުރިހަމަ ތަމްރީނާއެކު މިކަން ފެށުމުން ދޭހަކޮށްދެނީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ފުލުހުން ތައްޔާރުވެ އެކަމަށް ފުރިހަމައަށް ތައްޔާރުވަމުންދާ މުއައްސަސާއެއްކަން ކަމަށެވެ.
ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް، ފުލުހުންނަށް ދެވޭ ތަމްރީންތައް އިތުރަށް ފުރިހަމަ ކުރުމަށް ފުލުހުންގެ އިސްސަފުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން އިމްރާން ފާހަގަކުރެއްވިއެވެ.
"ރައްޔިތުންނާ ފުލުސް އޮފިސަރަށްވެސް ރައްކާތެރިކަން ލިބިގެންދާނެ މުހިންމު ވަސީލަތަކަށް މި ވަސީލަތް [ބޮޑީވޯން ކެމެރާ] ވެގެންދޭ." އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން އިމްރާން ވިދާޅުވީ ބައެއް ހާލަތްތަކުގައި ފުލުހުންނަށް ކުރެވޭ ތުހުމަތުތަކާއި ދިއްކުރެވޭ އިނގިލިތަކަށް ސާފު ހައްލެއް މިކަމުން ހޯދައިދެވިގެން ދާނެކަމަށެވެ. އަދި މައްސަލައިގެ ސާފު ހަގީގަތް ހާމަވެ އެކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތަކީ ކޮބައިކަން ވަރަށް ރީތިކޮށް ބުނެދޭނަކަމަށެވެ.
އިމްރާން ވިދާޅުވީ ކޮންމެކަމެއް ދެން ދިމާވާއިރު ކެމެރާ ކޮބައިތޯ ރައްޔިތުން ސުވާލު ކުރާނެ ކަމަށާއި، އެހެންނަމަވެސް ހުރިހާ ފްރޮންޓް ލައިން ފުލުހުން އަދި ތިބޭނީ ކެމެރާ އަޅައިގެން ނޫން ކަމަށެވެ. ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުނީ 200 ކެމެރާއާ އެކުކަން ފާހަގަކޮށް އިމްރާން ވިދާޅުވީ އިތުރު ކެމެރާ ބޭނުންވާ ކަމަށާއި، އެކަމަށް މަސައްކަތް ކުރައްވާނެކަމަށެވެ.