Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

އޮންލައިން ޝަރީއަތްތަކަށް މާލޭ ޖަލުގައި ތިން ކޯޓް ރޫމް

ފޮޓޯ: ކަރެކްޝަނަލް ސަރވިސް

މާލޭ ޖަލުގައި ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ގޮތަށް ޚާއްސަކޮށްފައިވާ ތިން ކޯޓް ރޫމް ގާއިމުކޮށްފިއެވެ.

އެ ކޯޓް ރޫމްތައް މިއަދު ބޭނުންކުރަން ފަށާފައިވާއިރު ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.

ކޯޓް ރޫމްތައް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރ އަހުމަދު ވިދާޅުވީ، މާލޭ ޖަލުގައި މިއަދު ބޭނުންކުރަން ފެށުނު ތިން ކޯޓް ރޫމަކީ ކަރެކްޝަންގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ކޯވިޑް-19ގެ ބަލިމަޑު ކަމާއެކީގައި އަޅުގަނޑުމެންގެ ގިނަ މަސައްކަތްތަކެއް އޮންލައިންކުރަން މަޖްބޫރުކުރަންޖެހިފައިވާ ވުމާއެކު، ޚާއްސަކޮށް ރާއްޖެކަހަލަ ޤައުމެއްގައި އެކިއެކި ތަންތާނގައި ތިބެގެން ޝަރީޢަތް ހިންގޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އަޅުގަނޑުމެން ވާނީ ގިނަ މަސައްކަތްތަކެއް މިދަޔަ އަހަރުވެސް ކޮށްފައި." ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޝަރީއަތް ނިމެންދެން އަބަދުވެސް ގިނަ ބަޔަކު ތިބެންޖެހޭއިރު، މިވަގުތުވެސް އެފަދަ 298 މީހުން ބަންދުކުރަން ޖެހިފައިވާކަން ކަރެކްޝަންސްއިން ފާހަގަކުރެއެވެ. މިވަތުގުވެސް ޝަރީޢަތުން ވަކި ގޮތެއް ނިމެންދެން މާލޭ ޖަލުގައި 131 މީހުން ބަންދުކުރެވިފައިވާކަމަށާއި މިއަދަދަކީ ބޮޑު އަދަދެއްކަން ކަރެކްޝަންސްއިން ފާހަގަކުރެއެވެ.

މީގެކުރިން މާލޭ ޖަލުގައި ތިބޭ މީހުން އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވުމަށް ބޭނުންކުރަމުން އައިސްފައިވަނީ މާލޭ ޖަލުގެ މީޓިންގ ރޫމް، ލޯޔަރ އަދި ފެމިލީ ވިސިޓިންގ ރޫމްތަކެވެ.