Last Updated: June 23, 10:51
Tuesday, June 23, 2026
ޚަބަރު

ކުރިއެރުމަށް ބޭނުމީ ސިޔާސީ ހަމަޖެހުން: ޝަރީފް

ގައުމު ކުރިއަރައި ދާނީ ހަމަޖެހުމާއި އަމާންކަން އޮވެގެން ކަމަށާއި އިރުއިރުކޮޅާ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދެއްކުމަކީ ގައުމަށް ފައިދާ ހުރި ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އާއި ކުރީގެ ރައީސް ނަޝީދު މުހައްމަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމުގެ ވާހަކަ އާއި މިހާރު 30 ޕަސެންޓްގެ ތާއީދާ އެކު ވެސް ވެރިކަމަށް އާދެވިދާނެ ކަމަށް ބުނެ ވާހަކަ ދައްކަވާތީ އެކަމަށް އިޝާރާތްކުރައްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ގައުމު ހިންގަން ދުވަސް ނަގާ ކަމަށާއި އިރުއިރު ކޮޅާއި ވެރިކަމުގައި ނިޒާމް ބަދަލުކުރުމުގެ ވާހަކަ ސިޔާސީ މީހުންގެ މަސްލަހަތަށްޓަކައި ދެއްކުމަކީ ގައުމަށް ފައިދާ ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އެހެންވެ މިއީ ގައުމުގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމުގައި ރައްޔިތުން [ވެސް] ޝާމިލުވާންވީ ވަގުތު." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިހާރު އަމާޒު ހިފާފައި އޮތީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުމާއި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމްލަ ވޯޓްގެ 30 ޕަސެންޓަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާ ނަމަ އެއީ އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަކެޅުމަށެވެ. އަދި މިކަންކަމަށް އެންމެ ބޮޑަށް ވާހަކަ ދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދެވެ.