Last Updated: April 19, 06:07
Friday, April 19, 2024
ޚަބަރު އައްޑޫ

އުންމީދަކީ މި އަހަރު ޝަންގްރިއްލާ ހުޅުވުން: މައުސޫމް

މިނިސްޓަރު އަބްދުالله މައުސޫމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުންމީދުކުރަނީ މި އަހަރު ނިމުމުގެ ކުރިން އައްޑޫ ޝަންގްރިއްލާ ރިސޯޓު ހުޅުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް މިފަދައިން ވިދާޅުވެފައި ވަނީ ޝަންގްރިއްލާ ނުހުޅުވި ލަސްވާ މައްސަލައިގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ޝަންގްރިއްލާއަކީ 284 އެނދުގެ ރިސޯޓެއް ކަމަށާއި، އަދި އެހެން ރިސޯޓްތަކާ ހިލާފަށް އެ ރިސޯޓްގައި ސަރުކާރުގެ ހިއްސާވާ ކަމަށެވެ.

ސަރުކާރުގެ 30 އިންސައްތަ ޝަންގްރިއްލާ ރިސޯޓްގައި އޮންނަކަން ފާހަގަކޮށް މައުސޫމް ވިދާޅުވީ، އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެގްރިމެންޓްގެ ދަށުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭސް ކުރުމަށްދޭ ލޯނުގައި ސަރުކާރުން ބައިވެރިވާންޖެހޭ ކަމަށާއި، އެގޮތުން 68 މިލިއަން ޑޮލަރު ސަރުކާރުން ލޯން ފައިނޭންސިންގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހިފައި އޮތްކަމަށެވެ.

ޝަންގްރިއްލާގެ 30 ޕަސެންޓް ހިއްސާ ސަރުކާރުގައި އޮވެމެ ފައިދާގެގޮތުގައި އެއްޗެއް ނުލިބޭތީ އެ ހިއްސާ ދޫކޮށްލުމަށް ދައުލަތުން ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ 30 ޕަސެންޓް ހިއްސާ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް އިއްޒަތްތެރި މަޖިލީހުން ޓޫރިޒަމް ގާނޫނަށް ގެންނެވި 10 ވަނަ އިސްލާހުގެ އަލީގައި ފޯމިއުލާއެއް ލިބުނު. އެހެންނަމަވެސް އެ ފޯމިއުލާގެ ދަށުން އެރަށުގެ ސައިޒާ ބޮޑުކަމުން 80 މިލިއަން ވަރު އަރާ ޝެއާ ބަދަލުކުރަން. އެހެންމަ އަޅުގަނޑުމެން އަނެއްކާ ޓޫރިޒަމް ގާނޫނަށް ގެނެވޭ 11 ވަނަ އިސްލާހަށް ވާނެ މިހާރު ޑްރާފްޓް ކޮށްފަ ފޯމިއުލާއެއް. އޭގެދަށުން އެ 30 ޕަސެންޓް ހިއްސާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ގަނެވޭ ކަހަލަ ގޮތަކަށް މަގުފަހިވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ވީހާ އަވަހަށް ހުޅުވުމަށް ފައިނޭންސް މިނިސްޓްރީއާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު މަޝްވަރާ ކުރެވެމުން އަންނަކަމަށެވެ. އަދި އެކަށީގެންވާ ގޮތެއްގައި ޝަންގްރިއްލާ ހުޅުވުމަށް ބައެއް މަރާމާތުތައް ކުރަންޖެހޭކަމަށް ޝަންގްރިއްލާގެ މެނޭޖްމެންޓުން މައުލޫމާތުދޭ ކަމަށެވެ.

މިއީ ފަތުރުވެރިކަމުގެ ރަން އަހަރަށްވާތީ، ސީދާ ތާރީހެއް ދަންނަވަން ދަތި ނަމަވެސް، އުންމީދަކީ މިއަހަރު ޝަންގްރިއްލާ ހުޅުވުން ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.