Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު އައްޑޫ

ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ދާނީ އައްޑުއާ އެކު: މައުސޫމް

މިނިސްޓަރު އަބްދުالله މައުސޫމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއަށް ގެންދެވޭނީ އައްޑުއާ އެކީ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ޓޫރިސްޓް ރިސޯޓްތައް ހުޅުވުމާ ގުޅޭ ގޮތުން މިނިސްޓަރު މައުސޫމާ ކުރެވުނު ސުވާލަށް މަޖިލީހުގައި ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، އައްޑުސިޓީއަކީ ޓޫރިޒަމްގެ އިންވެސްޓަރުންނާއި ޓޫރިޒަމް ދާއިރާގެ މަސައްކަތްކުރާ ތަފާތު ހުނަރުވެރި ބޭފުޅުން ހިމެނޭ ސިޓީއެއް ކަމަށެވެ.

އައްޑޫގެ ޓޫރިޒަމް ކުރިއަށް ގެންދިއުމަށްޓަކައި އެންމެބޮޑު އަހައްމިޔަތުކަމެއް ދޭންޖެހެނީ "ކްރިޓިކަލް ވޮލިއުމް" ހޯދައިދިނުމަށްކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. އަދި އައްޑޫގައި ފަހިގޮތުގައި ޓޫރިޒަމް ކުރިއަށްގެންދިއުމަށް 8000 އެނދުވަރު ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހަންކެޑެ 1600 އެނދާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން މިނިސްޓަރު މައުސޫމް ފާހަގަކުރެއްވިއެވެ. އަދި ސަވާހިލި ވެސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މީގެއިތުރުން އައްޑޫގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގައި ހެދޭ ޓޫރިސްޓް ހޮޓާތަކުން ވެސް އެކަށީގެންވާ އެނދު ލިބޭނެކަމަށް އުންމީދުކުރާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

"އެމްޑީޕީގެ ވަރަށް މުހިންމު ސިޔާސަތެއް ގެސްޓްހައުސް ސިޔާސަތަކީ. އެ ސިޔާސަތުގެ ދަށުން މަސައްކަތް ކުރުމަށް އަޅުގަނޑުމެން ގެންދާ ހަރަކާތުގެ ދަށުން ހޯމް ސްޓޭ ޓޫރިޒަމް މިހާރު ވަނީ ފެށިފައި." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އައްޑޫ ސަރަހައްދަކީ ޓޫރިޒަމްގައި ވަކިން މިނިވަން ހަބަކަށް ވާނެކަމަށެވެ.