Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

މިއީ ފްލެޓްގަނޑެއް ވެސް ނޭޅުނު ސަރުކާރެއް: މަލީހް

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެން މިހާރު ގާތްވެފައިވާ އިރު، މި ސަރުކާރަކީ މިހާތަނަށް އެންމެ ފްލެޓްގަނޑެއް ވެސް ނޭޅުނު ސަރުކާރެއް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ވެރިކަން ހިންގާ މައި ޕާޓީ، އެމްޑީޕީ އަށް އަބަދު ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމްޑީޕީ މެމްބަރުން ކިތަންމެ ހިތްދަތި ވިޔަސް ހަގީގަތަކީ މިއީ" ކަމަށެވެ.

"ދެން އެހެންވީމާ ރައްޔިތުންނަށް މަޖުބޫރު ނޫންތޯ ރައީސް އިބޫ [އިބްރާހީމް މުހައްމަދު ސޯލިހު] ވެރިކަމުން ބާލައި އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުން ދުއްވާލައި މި ގައުމު އަނެއްކާ ވެސް ގިއަރަށްލައި ކުރިޔަށް ދުއްވާލަން. ފްލެޓް ގަނޑެއް އަޅަން ނޭގުނު." އޭނާ ވިދާޅުވި އެވެ.

ބޯހިޔާވެހިކަން ފޯރުކޮށްދޭން މި ސަރުކާރުން ބޮޑެތި ވައުދުތަކެއް މިހާތަނަށްވެފައި ހުއްޓަސް މި ސަރުކާރަށް މިހާތަނަށް އެފަދަ އެއްވެސް މަޝްރޫއެއް ހަގީގަތަކަކަށް ހެދިފައެއް ނުވެ އެވެ. އެކަމަކު އެކިއެކި ޕޯޑިއަމްތަކުގައި ބޯހިޔާވަހިކަން ފޯރުކޮށް ދެއްވަން ބޮޑެތި މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ވަރަށް އާންމުކޮށް ރައީސް ސޯލިހު ވިދާޅުވެ އެވެ. އަދި އެފަދަ ބައެއް މަޝްރޫއުތަކުގެ ބިންގާ މި ސަރުކާރުން އަޅާފައިވެ އެވެ.

މި ސަރުކާރުން އިއުލާންކުރި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން ހަދަން ނިންމާފައިވާ އޮތް 2000 ފްލެޓާއި އެ ގައުމުގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާ 2000 ފްލެޓާއި ރާއްޖޭގެ އެޕޯލޯ ކުންފުންޏާ ހަވާލުކޮށްގެންހަދާ 1000 ފްލެޓްގެ އިތުރުން ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓު އެޅުން ހިމެނެ އެވެ.