އައްޑޫ ޝަންގްރިއްލާ ރިސޯޓުގައި ސަރުކާރުގެ ހިއްސާ އޮވެމެ ފައިދާ ނުވާތީ އެހިއްސާ ދޫކޮށްލުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑު ޝަންގްރިއްލާ ރިސޯޓް ހުޅުވޭނެ ދުވަހަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވަނީ ސަރުކާރުގެ 30 އިންސައްތަ ޝަންގްރިއްލާ ރިސޯޓްގައި އޮންނަކަން ފާހަގަކޮށްފައެވެ.
އެކަން ފާހަގަކޮށް މިނިސްޓަރު މައުސޫމް ވިދާޅުވީ، އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެގްރިމެންޓްގެ ދަށުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭސް ކުރުމަށްދޭ ލޯނުގައި ސަރުކާރުން ބައިވެރިވާންޖެހޭ ކަމަށާއި، އެގޮތުން 68 މިލިއަން ޑޮލަރު ސަރުކާރުން ލޯން ފައިނޭންސިންގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހިފައި އޮތްކަމަށެވެ.
ޝަންގްރިއްލާގެ 30 ޕަސެންޓް ހިއްސާ ސަރުކާރުގައި އޮވެމެ ފައިދާގެގޮތުގައި އެއްޗެއް ނުލިބޭތީ އެ ހިއްސާ ދޫކޮށްލުމަށް ދައުލަތުން ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެ 30 ޕަސެންޓް ހިއްސާ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް އިއްޒަތްތެރި މަޖިލީހުން ޓޫރިޒަމް ގާނޫނަށް ގެންނެވި 10 ވަނަ އިސްލާހުގެ އަލީގައި ފޯމިއުލާއެއް ލިބުނު. އެހެންނަމަވެސް އެ ފޯމިއުލާގެ ދަށުން އެރަށުގެ ސައިޒާ ބޮޑުކަމުން 80 މިލިއަން ވަރު އަރާ ޝެއާ ބަދަލުކުރަން. އެހެންމަ އަޅުގަނޑުމެން އަނެއްކާ ޓޫރިޒަމް ގާނޫނަށް ގެނެވޭ 11 ވަނަ އިސްލާހަށް ވާނެ މިހާރު ޑްރާފްޓް ކޮށްފަ ފޯމިއުލާއެއް. އޭގެދަށުން އެ 30 ޕަސެންޓް ހިއްސާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ގަނެވޭ ކަހަލަ ގޮތަކަށް މަގުފަހިވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ އެ އިސްލާހު ދެ ހަފްތާއެއްގެ ތެރޭގައި މަޖިލީހަށް ފޮނުވޭނެކަމަށެވެ.