Last Updated: July 17, 18:07
Saturday, July 18, 2026
ދީން

ދުނިޔެއަށް ބީރައްޓެހިވުން

ކީރިތި ރަސޫލާ صلى الله علىه وسلم ޙަދީޘް ކުރެއްވި ޙަދީޘް ފުޅެއްގެ މާނައިގައިވެއެވެ.

“އިސްލާމްދީން ފެށިގެންއައީ ބީރަށްޓެހި އެއްޗެއްގެ ގޮތުގައެވެ. އަދި އެދީން އެނބުރި ރުޖޫޢަވުން ވަނީވެސް ބީރަށްޓެއްސެއްގެ ގޮތުގައެވެ. ބީރަށްޓެހީންނަށް ބާއްޖަވެރިކަމާއި އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ”

މި ޙަދީޘްގައި ބަޔާން ކުރައްވާފައިއެވާ އުފާވެރިކަމުގެ ޚަބަރު ލިބިގެންވާ ބީރަށްޓެހީންނަކީ ފަހަރެއްގައިވެސް މުޖުތަމަޢުގައި އަޅުގަނޑުމެންނާ ދިމާވާ، ދެކެ ފަރިތަނޫން މޫނުތަކުގެ ވާހަކައެއް ނޫނެވެ. ބިދޭސީ މީހުންނާއި ޓުއަރިސްޓުންގެ ވާހަކައެއްވެސް ނޫނެވެ. ޙަޤީޤަތުގައި އެ ޙަދީޘްގައި ބަޔާންވެގެންވަނީ ޙަޤީޤީ މުސްލިމުންގެ ވާހަކައެވެ. ޙަޤީޤީ މުޥައްޙިދުންގެ ވާހަކައެވެ. މުއުމިނުންގެ ވާހަކައެވެ. އެހެނަސް، އެ ޙަދީޘްގައި ބަޔާންވެފައިވާ ފަދައިން، މުސްލިމުންނާއި މުޥައްޙިފުންނާއި މުއުމިނުން ބީރަށްޓެހި ވާންޖެހުނީ ކީއްވެގެންތޯއެވެ؟

ދަންނަވަންތޯއެވެ؟ ހަމައެކަނި ދުލުން ތައުޙީދުގެ ކަލިމަ ކިޔުމަކުން އަޅުގަނޑުމެންނަކީ ޙަޤީޤީ މުއުމިނުން އަދި ޙަޤީޤީ މުޥައްޙިދުން ކަމުގައިވެގެން ނުދާނެއެވެ. އެހެނެއްކަމަކު ދުލުން އިޤުރާރުވެ ހިތުން ތެދު ކުރުމާއި އެކު، ނިޔަތާ އެކު ޢަމަލުވެސް ކުރަންޖެހެއެވެ. މިގޮތުން ޙަޤީޤީ މުއުމިނުންގެ ސިފަ ބަޔާން ކުރައްވައި المؤمنون ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾ وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ ﴿٣﴾ وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ ﴿٤﴾ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ﴿٥﴾

މާނައީ: “އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، زكاة ދޭމީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ فرج ތަކަށް ރައްކާތެރިވާމީހުންނެވެ.”

އަޅުގަނޑެމެންގެ މުޖުތަމަޢަށް ނަޒަރެއް ހިންގާލަމާ ހިނގާށެވެ. މިއަދު ނަމާދަށް ރައްކާތެރިވާ އަޚުންނާއި އުޚްތުން އަޅުގަނޑުމެންގެ ތެރެއިން ކޮބައިތޯއެވެ؟ ނަމާދަށް ރައްކާތެރިވާ މީހުން ނޫޅެއެކޭ އަޅުގަނޑު ފަހަރެއްގައިވެސް ނުދަންނަވަމެވެ. އެހެންނަމަވެސް ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ނަމާދު އަދާ ކުރާމީހުން ނިސްބަތުން މަދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކަމެއް ކުރަން ޖެހުނަސް އަދި މުސީބާތެއް ލައިގަތަސް މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމުގެ ނަމުގައި ނާޗަރާންގީ ޝޯތައް ކުޅުމާއި، މުނިފޫފިލުވައިދޭ ޝޯވ ތައް އިންތިޒާމު ކުރުމީ މިއަދު އަޅުގަނޑުމެންގެ އަމާޒަކަށް މިވަނީ ވެފައެވެ. މިކަންތައްތައް މިވަނީ ޢާއްމުވެފައެވެ. فرج ތަކަށް ރައްކާތެރިވުމުގެ ބަދަލުގައި މިފެންނަނީ " ލަވް މޭކިންގ" ގެ ނަމުގައި ނޭދެވޭ ޢަމަލު ތައް ހިންގައި އަދި އެ ޢަމަލުތައް ހިންގުމުގެ ސަބަބުން މި ފެނިގެންދަނީ ނަހަލާލަށް ލިބޭ ދަރީން “ފޮތި ފޮތި” ކުރަމުންދާ މަންޒަރެވެ. މިކަންތައްތަކާ ދެކޮޅަށް ވާހަކަ ދައްކާ، ﷲގެ ޝަރީޢަތް ޤާއިމް ކުރުމަށް ނަސޭޙަތްތެރިވާ މީހުން މިއަދު މިވަނީ މުޖުތަމަޢުގައި ވަރަށް “ޑީގްރޭޑް” ވެފައެވެ.

އަޚުންނާއި އުޚްތުންނޭވެ! ޒަމާން ތަރައްޤީވެ ތަހުޒީބުގެ މަގުގައި މުޅި ދުނިޔެ ފައިތިލަ ޘާބިތު ކުރަން މަސައްކަތް ކުރާ މިދަނޑިވަޅުގައި ދިވެހި މުޖުތަމައަށް ކުރަމުންމިދާ ނޭދެވޭ އަޘަރު ތަކުގެ ވާހަކަ ބަޔާން ނުކޮށް ދޫކޮށްލާކަށް ހަމަ އަޅުގަނޑަކަށް ކެތެއްނުވިއެވެ. ޒަމާނީ ޑިމޮކްރަސީގެނަމުގައި މިވަނީ މުޅީން އާވައްތަރެއްގެ ދިރިއުޅުމުގެ ނިޒާމެއް ޤާއިމް ކުރެވިފައެވެ. ދިރިއުޅުމުގެ ނިޒާމުން ދީން ދުރަށްލައި، އިސްލާމީ ޝަރީޢަތާއި، މާތް ނަބިއްޔާގެ ސުންނަތައް ތަބާވާ މީހުންނަށް ކުރަމުންދާ މަލާމާތާއި ފުރައްސާރަ މިވަނީ ހައްދުން ނެއްޓިފައެވެ. އިސްލާމްދީނާ އެދީނަށް ލޯބިކުރާ މީހުން މިއަދު މިވަނީ އިސްވެ ބަޔާންކުރެވުނު ޙަދީޘްގައި ޒިކުރު ކުރެވުނު ފަދައިން ބީރަށްޓެހީންނަށްވެ ނިމިފައެވެ. ބޭނުންވީމަ ގެންގުޅެލާފައި ބޭނުންވީމަ ނަގާ އެއްފަރާތަށްލާ ބީދައިން ދީނުގެ ކަންތައްތަކާ، ދީނުގެ އުޞޫލުތަކާ ދީނުގެ ފިކުރު މިގެންގުޅެވެނީ ފެންކައްކާ ބޮލީގެ ޢިއްޒަތް ފަދައިންނެވެ. ސައްތައިން ސައްތަ މުސްލިމު މުޖުތަމަޢުގެ ޙާލަކީ މިއީއެވެ. މިކަންތައްތައް އަޅުގަނޑުމެންނަށް އިވޭ ކަންފަތުގައި ނީވޭ ކަމަށް ހަދައި، ފެންނަ ލޮލަށް ނުފެންނަކަމަށް ހަދައިގެން ތިބުމަކީ ފަހަރެއްގައިވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

މާތްﷲ ތަޢާލާ الأنفال ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَلَا تَكُونُوا كَالَّذِينَ قَالُوا سَمِعْنَا وَهُمْ لَا يَسْمَعُونَ ﴿٢١﴾ މާނައީ: “އަދި ނާހައިތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! “
އަޅުގަނޑުމެންގެ އުޅުމާއި ގުޅުން މިގޮތަށް ބަހައްޓައިގެން އަޅުގަނޑުމެންނީ އިސްވެ ބަޔާންވެދިޔަ ޙަދީޘްގައިވާގޮތަށް ބީރަށްޓެހީންނަށް ވެވިދާނެކަމަށް އުއްމީދު ކުރަނީތޯއެވެ؟ ޙަޤީޤީ މުއުމިނުން ބީރަށްޓެހިވާން ޖެހުނީ މިބަޔާންވެދިޔަ ސަބަބުތަކާހެދިއެވެ. އަދި މިނޫނަސް ސަބަބުތައް ބައިވަރެވެ.

ﷲތަޢާލާ المائدة ވަޙީ ކުރައްވާފައިވެއެވެ. أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴿٥٠﴾ މާނައީ: ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟

އެކުވެރީންނޭވެ! ޣާފިލް ކަމުގެ ނިދީން ނިދާފައިތިއްބައި ކުއްލިއަކަށް މަރުއައިސް ޖެހުމުން ވެގެންދާނޭގޮތް ކީރިތި ޤުރުއާނުގެ المؤمنون ސޫރަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.

حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ ﴿٩٩﴾ لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ ۚ كَلَّا ۚ إِنَّهَا كَلِمَةٌ هُوَ قَائِلُهَا ۖ وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ ﴿١٠٠﴾

މާނައީ: ” އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަށް ދާންދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حياة އަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ! (އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عمل ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ. “

އަޅުގަނޑުމެން ވިސްނަންވީ މި ވަގުތަށްޓަކައެވެ. ކަންއޮތީ މިހެންކަމުގައިވިޔަސް ހިތާމައަކީ އަޅުގަނޑުމެންގެ ޙަޤީޤީ މަޤްސަދު އޮޅުވާލައި ޙަޔާތާއިމެދު ޣާފިލްވާ ކުދީން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދާކަމެވެ. މި ފަނާވަނިވަ ދުނިޔެއަށް އަލްވަދާޢު ކިިޔަން ހަމަ ކޮންމެ ވަގުތަކުވެސް އަޅުގަނޑުމެންނަށް ޖެހިދާނެއެވެ. އަޅުގަނޑުމެން ތައްޔާރުވާންވީ ވަދާޢުގެ ވަގުތަށެވެ. ދުނިޔެއަށް ފާރަލައި މުޅި ޙަޔާތް މި ފަނާވަނިވި ދުނިޔެ އާބާދު ކުރަން އުޅުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ގިނަ ވަގުތު ހޭދަ ކުރަންޖެހޭނީ އުޚްރަވީ ޙަޔާތް ބިނާކޮށް އެޙަޔާތް ބާއްޖަވެރި ކުރުމުގައެވެ. އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގެ ވަގުތުކޮޅަކީ ދާދި ކުޑަ ކުޑަ ވަގުތުކޮޅެކެވެ.

ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

“ދުނިޔެމަތީގައި އުޅޭއިރު ތިބާއަކީ ދަތުރުވެރިއެއްފަދައިން ވާށެވެ”

ނިކަން ވިސްނަވާ ބައްލަވާށެވެ. ދަތުރުވެރިޔަކު ދަތުރުކުރަމުންގޮސް ވަރުބަލި ފިލުވާލަން މަޑުކޮށްލައިގެން ހުންނަ ތަނުގައި ބޮޑު ގެއެއް އަޅައި، އެމީހާގެ އަތުގައި ހުރި ހުރިހާއެއްޗެއް އެތަނަށްޓަކައި ބޭނުންކޮށް ހުސްކޮށްލުމަށްފަހު ދެން އަނެއްކާވެސް ދަތުރަށްފަށައިގަންނަ ވަގުތު ވާނީ ކިހިނެއްތޯއެވެ؟ ހަމަ ޔަގީނުންވެސް ދަތުރު ބާއްޖަވެރިވެގެނެއް ނުދާނެއެވެ.

ވީމާ އަޅުގަނޑުމެން މިކަމާ މެދު ފުންކޮސް ވިސްނާލަންޖެހެއެވެ. އަޅުގަނޑުމެންގެ އާޚިރަތް ބާއްޖަވެރި ކުރެވޭނީ ދުނިޔެއަށްވުރެ އާޚިރަތް އިސްކޮށް ދުނިޔެމަތީގައި ބީރަށްޓެހިވީ ވަރަކުންނެވެ. އަޅުގަނޑުމެން ފުރިހަމައަށް ތަބާވާންޖެހެނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށެވެ. ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރަންޖެހޭނީ ޞަޙާބީންނާއި، ތާބިޢީންނާއި، ތަބާ އައްތާބިޢީންގެ މަގުންނެވެ. ހިތްހަމަޖެހުމާއި ފަލާޙާއި ކާމިޔާބުއޮތީ ހަމައެކަނި ﷲގެ ދީނުގައެވެ. ﷲ ގެ ޝަރީޢަތުގައެވެ.