Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

އައްޑޫ މަގު ޕްރޮޖެކްޓަށް ޓްރާންސްޕޯޓުން ހުރަސް އަޅަނީ!

*ވެހިކަލް ތައް ރަޖިސްޓްރީ ކޮށް ނުދީ ޓްރާންސްޕޯޓުން ދަނީ ލަސް ކުރަމުން
* ރެޖިސްޓްރީ ނެތި ދުއްވައިގެން ދެ ވެހިކަލެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި

އައްޑޫގެ މަގު ހެދުމަށް އިންޑިއާގެ އެފްކޮންސް އިން ގެނެސްފައިވާ ވެހިކަލްތައް ރަޖިސްޓްރީކޮށް ނުދީ ޓްރާންސްޕޯޓް މިނިސްޓްރީން ލަސްކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަގު ހެދުމުގެ މަޝްރޫއަށް ގެނެސްފައިވާ 100 އާއި ގާތް ކުރާ އަދަދުގެ ވެހިކަލްތައް ރަޖސްޓްރީ ކުރުމަށް އެ ކުންފުނިން ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާފައިވާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެ ވެ. އަދި އެކަމުގައި މިނިސްޓްރީއިން އެއްވެސް އަލި މަގެއް ނުދައްކާ ރަޖިސްޓްރީކުރުން ލަސްކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ މަގުގެ މަސައްކަތްތަކަށް ގެނެސްފައިވާ 100 އެއްހާ ވެހިކަލް ރަޖިސްޓްރީކޮށްދޭން މިހާތަނަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެތައް ފަހަރެއްގެ މަތިން ކައުންސިލުން އެދިފައިވާ ކަމަށެވެ. އެގޮތުން ލިޔުމުންނާއި އަނގަބަހުން ވެސް އެކަން އަވަސްކޮށްދޭން އެދި މިހާރު އެތައް ފަހަރެއްގެ މަތިން އެދުނު ނަމަވެސް މިނިސްޓްރީން މިކަން ކޮށްދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ކުރިއަށް ގެންދާ ބޮޑު މަޝްރޫއަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާކުން އެއްބާރުލުން ނުލިބުމަކީ މަޝްރޫއުތަކަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ. އެހެންވެ މިކަމާ ކައުންސިލުން ވަރަށް ކަންބޮޑުވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައ މަސައްކަތްތަކަށް އެފްކޮންސް އިން ގެނެސްފައިވާ ހެވީ ވެހިކަލްތަކުގެ ތެރެއިން ދެ ވެހިކަލެއް މިހާރުވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ ދެ ވެހިކަލް ދޫކުރާނީ ރަޖިސްޓްރީ ލިބިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ މަގު ހެދުމުގެ ބޮޑު މަޝްރޫއަށް ބޭނުންވާ ވެހިކަލް ގެނެސް އައްޑޫގައި ބަހައްޓައިގެން އެތަކެތީގެ ރަޖިސްޓްރީ ނުހެދި ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން "ހުރަސްޅާތީ" މަގު ހެދުމުގެ މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށް ނުގެންދެވިދާނެކަމުގެ ކަންބޮޑުވުން އެފްކޮންސް އިން ވެސް ވަނީ ކައުންސިލްގެ ސަމާލު ކަމަށް އެތައް ފަހަރަކު ގެނެސްފައިވެ އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓްގެ އަމަލުތައް ހުރި ގޮތުން މިކަމަކީ ސީދާ އައްޑޫގެ ޕްރޮޖެކްޓަކަށް ހުރަސްއެޅުމުގެ އަަމަލެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިންގަވާ މިނިސްޓްރީން އައްޑޫގެ މަގުތައް ހަދަން ގެނައި ވެހިކަލްތައް ރަޖިސްޓްރީނުކޮށްދީގެން އުޅެނީ އެ މިނިސްޓްރީގެ ތެރޭގައި "އަޑިން ހިންގާ" ކޮރަޕްޝަނަށް އެފްކޮންސް އިން ނޫނެކޭ ބުނާތީ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އަކީ މިފަދަ ކަންކަމުގައި އަބަދު ވެސް "ރިޝްވަތާއި ކޮރަޕްޝަން" ގެ އަމަލުތައް ހިންހާ ކަމަށް އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް ވާހަކަ ދެކެވޭ މިނިސްޓްރީއެކެވެ.

މި ވަގުތު އައްޑޫގައި އެންމެ ހަލުވިކޮށް ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ 800 މިލިއަން ރުފިޔާގެ ކްރެޑިޓްލައިންގެ އެހީގެ ދަށުން ހިންގާ މަގު ހެދުމުގެ މަޝްރޫއެވެ. އެފްކޮންސް އިން މިދޔަ ނޮވެމްބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 24 މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ. އެގޮތުން އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރުން ވެސް ހިމެނެ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރާނެ އެވެ. މަގުތައް ހަދާ އިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާ އެވެ.