އައްޑޫގައި އޮތް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ބަންދުކޮށްފައި އޮންނަތާ މިހާރު ދެ އަހަރެއްހާ ދުވަސްވަނީ އެވެ. ކޮވިޑް-19 ހެދި އެތަން ބަންދުކުރުމާ އެކު އެތައް ބައެއްގެ ވަޒީފާ ގެއްލި، ބިކަވީ އެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު އައްޑޫގެ މުޅި އިގުތިސާދަށް ވެސް ކުރީ އެވެ.
ހިތާމަ އަކީ މިހާ ދުވަސްވެގެން ދިޔަ އިރު ވެސް މި ރިސޯޓް އަލުން އަވަހަކަށް ހުޅުވިދާނެކަމުގެ އުންމީދެއް ނެތުމެވެ. އެކަމަކު 2020 ގެ ފަހުން ކޮޅުން ފެށިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އުންމީދަކީ ވަރަށް އަވަހަށް ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމެވެ. މިނިސްޓަރު އެ އުންމީދު އައްޑޫ ރައްޔިތުންނަށް ދެއްވާތާ އެތައް ދުވަހެއްވީ އިރު، އަދިވެސް މިކަމުގައި އަލިމަގެއް ނެތެވެ.
އެކަން އިއްޔެ ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އެ ރިސޯޓާ ބެހޭ ގޮތުން ދެއްކެވި ވާހަތަކުން ވެސް ސާފުވި އެވެ. ކުރުކޮށް، ތިލަކޮށް މިނިސްޓަރު މަޖިލީހުގައި ދެއްކެވި ވާހަކަތަކުން ދޭހަވި ކަމަކީ "ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމުގެ އުންމީދު ފެނަށްވެ، އެކަން މިހާރު ސަރުކާރަށް ވެސް ބޮޑު ބުރަައަކަށް ވެސް ވެފައިވާ" ކަަމެވެ.
އެކަމަކު އިއްޔެ ވެސް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެއް ވާހަކަ އަކީ މި އަހަރުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓް ހުޅުވޭނެ ކަމަށް އުންމީދުކުރަައްވާ ވާހަކަ އެވެ. ނަމަވެސް އެތަން ބަންދުކުރި ފަހުން ބޮޑެތި މަރާމާތުތަކެއް ވެސް ކުރަން ހުރުމާ އެކު، އެ މަސައްކަތް ވެސް ނިންމައި ޝަންގްރިއްލާ ރިސޯޓް "އަލުން ހުޅުވޭނެ ޓައިމް ފްރޭމެއް އެނގިވަޑައިނުގަންނަވާ" ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.
ފާއިތުވި ދެ އަހަރު އައްޑޫ ރައްޔިތުން ވެސް ސާފުނުވެގެން އުޅޭ ސުވާލަކީ ވެސް މިއީ އެވެ؛ ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވޭނީ ކޮން އިރަކުން ހެއްޔެވެ؟ އެތަން ނުހުޅުވި ލަސްވާ މައްސަލާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ކުރެއްވި އެ "ބޮޑު" ސުވާލުގެ ޖަވާބެއް ޚުދު މިނިސްޓަރަކަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. އެހެންވެ މި ރިސޯޓާ މެދު ކުރެވޭ އުންމީދުތަކަށް ވުރެ ބޮޑަށް މިހާރު އޮތީ މާޔޫސްކަމެވެ.

ދެހާސް އަށެއްގައި ހުޅުވި ޝަންގްރިއްލާ އަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓެވެ. އަދި މިއީ އައްޑޫގައި ހުޅުވި ދެވަނަ ރިސޯޓެވެ. މިތަން އަލުން އޮޕަރޭޝަނެއް ނުގަނެވި، ލަސްވާ ކޮންމެ ދުވަހަކީ މިނިސްޓަރު ވިދާޅުވި ގޮތަށް ސަރުކާރަށް ލިބޭ މާލީ ގެއްލުމެއްގެ އިތުރުން ސީދާ މުޅި އައްޑޫގެ އިގުތިސާދަށް އަދި އައްޑޫގެ ޓޫރިޒަމަށް އޮތް ވަރަށް ބޮޑު ދެރައެކެވެ. ސީދާ އައްޑޫގެ ރައްޔިތުންނަށް އޮތް ދެރައެކެވެ.
އައްޑޫގެ ޓޫރިސްޓް އެނދުތައް އިތުރުކުރާ ވާހަކަ ދައްކާ އިރު، ހިންގަމުން އައި ތަނެއް ސަރުކާރުގެ "ބާރުން ކަމަށް ވިޔަސް" އޮޕަރޭޝަނަށް ނުގެނެވޭ ނަމަ އެނދު އިތުރުކުރާ ވާހަކަ ދެއްކުމުގެ މާނައެއް އެބަ އޮތްތޯ ސުވާލުކުރަން ޖެހެ އެވެ.
ޓޫރިޒަމް މިނިސްޓަރު އިއްޔެ މަޖިލީހުގައި ޝަންގްރިއްލާއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަށް ބަލާ އިރު، ސަރުކާރުގެ ވިސްނުން މިހާރު އޮތީ އެ ރިސޯޓްގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ވެސް ދޫކޮށްލުމެވެ. ސަބަބަކީ ސަރުކާރަށް ގެއްލުންވަމުން ދިއުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރިސޯޓަށް ލިބޭ މާލީ ގެއްލުން ފޫއްބައްދަން ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭތީ އެ ލޯނުގެ ފައިނޭންސިންގެ ގޮތުގައި ސަރުކާރުން އެ ކުންފުންޏަށް 68 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ދައްކަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވި ގޮތުގައި 30 ޕަސެންޓް ހިއްސާ އޮވެ، ދައުލަތަށް އެއްވެސް އެއްޗެއް ނުލިބި އެހާ ގިނަ ދުވަސްވެފައިވާތީ ސަރުކާރުން މިހާރު ބޮޑަށް ބޭނުން ވަނީ އެ ހިއްސާ އެ ދޫކޮށްލައި ކުރިއަށް ދެވޭނެ ގޮތެއް ހޯދުމެވެ.
"އެ ތިރީސް ޕަސެންޓް ހިއްސާ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް އިއްޒަތްތެރި މަޖިލީހުން ޓޫރިޒަމް ގާނޫނަށް ގެންނެވި ދިހަ ވަނަ އިސްލާހުގެ އަލީގައި ފޯމިއުލާއެއް ލިބުނު. އެހެން ނަމަވެސް އެ ފޯމިއުލާގެ ދަށުން އެ ރަށުގެ ސައިޒް ބޮޑުކަމުން 80 މިލިއަން ވަރު އަރާ ޝެއާ ބަދަލުކުރަން،" މައުސޫމް ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެން އަނެއްކާ ޓޫރިޒަމް ގާނޫނަށް ގެނެވޭ އެގާރަ ވަނަ އިސްލާހަށް ވާނެ މިހާރު ޑްރާފްޓްކޮށްފަ ފޯމިއުލާއެއް. އޭގެ ދަށުން އެ ތިރީސް ޕަސެންޓް ހިއްސާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ގަނެވޭ ކަހަލަ ގޮތަކަށް މަގުފަހިވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން."
ސުވާލަކީ ދެން ވާން އޮތީ ކިހިނެއްތޯ އެވެ؟ ވާންވީ ގޮތަކީ ކޮބައިތޯ އެވެ؟
ޝަންގްރިއްލާ ނުހުޅުވިގެން އުޅޭ މައްސަލާގައި މިހާތަނަށް "ބޮޑު މަންޒަރު" އިން ދައްކުވައި ދެނީ އެތަނަށް ސަރުކާރުގެ އެއްވެސް "ބަހެއް ނުވިކޭ" ކަމެވެ. އެހެންވެ ރިސޯޓްގެ މެނޭޖްމަންޓުން ދައްކާ "ބަހަނާތަކަށް" ސަރުކާރު "މައިތިރިވެގެން" އޮންނަނީ އެވެ. މިކަން ކޮންމެވެސް ކޮޅެއްގައި ޖައްސަން ސަރުކާރުން މަސައްކަތްކުރަން އުޅުނު މި ފާއިތުވި ދެ އަހަރުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ނެރެވުނީހެވެ. އާންމުން ގަބޫލުކުރާ ގޮތަކީ ވެސް އެއީ އެވެ.
އެކަމަކު ޓޫރިޒަމް މިނިސްޓަރު ހުންނެވީ އަބަދު ވެސް ރައްޔިތުންނަށް އުންމީދެއް އާކޮށް ދެއްވުމުގަ ނަތީޖާ އެވެ. ތަފާތަކީ ނަތީޖާއަކާ ހަމައަށް ނުދެވުމެވެ. އައްޑޫގެ ޓޫރިޒަމް ފުޅާކުރާ ވާހަކަ އާއި މިތަނުގެ ޓޫރިޒަމާ އެކީ ނޫނީ ރާއްޖޭގެ ޓޫރިޒަމް ވެސް ފުޅާ ނުވާނެ ވާހަކަ އާއި އައްޑޫ ރައްޔިތުންގެ ޖީބަށް ޕައުންޑް ވަންނަން ފަށާނެ ފަދަ ވާހަކަތައް ޓޫރިޒަމް މިނިސްޓަރު މިހާތަނަށް ވަރަށް ގިނައިން ދައްކަވައިފި އެވެ.
އެކަމަކު އެ ވިދާޅުވީ ޕައުންޑެއް ވަނުމުގެ އެއް ވަސީލަތަކަށް އޮތީ ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނައުން ނޫންތޯ އެވެ؟ އައްޑޫ ރައްޔިތުން ނުވެގެން އުޅޭ ކަމަކީ އެއީ އެވެ.