Last Updated: July 21, 18:02
Tuesday, July 21, 2026
ރިޕޯޓް

އޭއޭއޭ ރައްކާވަނީ، ދަރިވަރުންނަށް އިންސާފެއް ނެތް!

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫގައި ފްލައިން ސްކޫލު ހިންގި ސްރީ ލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ) އިން އެ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް ވެފައިވާ ބޭއިންސާފުގެ ވާހަކަ އަކީ ދައްކާ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. ދަރިވަރުންގެ ކޯސް އަލުން ކުރިއަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށްދިން ނަމަވެސް އޭއޭއޭ އިން ވެފައިވާ ބޭއިންސާފަށް ހަގީގީ އިންސާފެއް އަދިވެސް ލިބިފައެއް ނުވެ އެވެ.

އެތައް ހާސް ޑޮލަރެއް ދަރިވަރުންގެ އަތުން އޭއޭއޭ އިން ނަގާފައިވާއިރު އެ ފައިސާ އަނބުރާ ދިނުމަށް ވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ.

ފްލައިން ސްކޫލްގެ ދަރިވަރުންގެ ޔޫނިއަންގައި ހިމެނޭ ދަރިވަރަކު ބުނީ ސްކޫލްގައި ކިޔަވަމުންދާ 170 ދަރިވަރުންގެ ތެރެއިން ރިފަންޑު ހޯދުމަށް އެދި ގިނަ ދަރިވަރުންތަކެއް މިދިޔަ އަހަރުން ފެށިގެން ސްކޫލްގެ އިސްވެރިންނަށް އަންނަނީ މެއިލްތައް ކުރަމުންނެވެ. ނަމަވެސް އޭގެއިން އެއްވެސް މެއިލް އަކަށް މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށް އެ ދަރިވަރު ބުންޏެވެ. އެވްރެޖްކޮށް ކޮންމެ ދަރިވަރަކަށް 2000-5000 ޑޮލަރު ރިފަންޑުގެ ގޮތުގައި ލިބެންޖެހެ އެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

މިއީ އަދި ރިފަންޑުގެ ވާހަކަ އެވެ. ދަރިވަރުންނަށް އޭއޭއޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ވާހަކަ އަދި އޮތީ އެވެ. ގެއްލުމުގެ ބަދަލު ހޯދަން އޭއޭއޭގެ ދަރިވަރުންތަކެއް އަމިއްލަ އަށް އިސްނަގައިގެން ސިވިލް ކޯޓަށް ވެސް މައްސަލައެއް ވަނީ ވައްދާފަ އެވެ. ނަމަވެސް އެ މައްސަލަ އެ ކޯޓުގައި ނުހިނގާ އޮންނަތާ ދުވަސްތަކެއް މިހާރު ވަނީ ފާއިތުވެގެން ގޮސްފަ އެވެ. އެ މައްސަލައިގައި އޭއޭއޭ އިން ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި 2020 ވަނަ އަހަރު ނިމުނުއިރު އޭއޭއޭގެ އެކައުންޓުގައި 4.8 މިލިއަން ރުފިޔާ ހުރިކަމަށް ވަނީ ދައްކާފަ އެވެ.

މި ހުރިހާ ކަމެއް ދިވެހި ފަސްގަނޑުގައި ހިނގަމުންދާއިރު ވެސް ދިވެހި ދައުލަތް އަތް އުރާލައިގެން ބަލަހައްޓައިގެން ތިބޭ ތިބުމަކީ ދަރިވަރުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު ދެން ވެސް ފައިސާއެއް ލިބެން އޮތްނަމަ ލިބެން އޮތީ ހަމަ އޭއޭއޭ އަށެވެ.

އޭއޭއޭ އިން އަވަސް އަރުވާލައިގެން އައްޑޫގައި ހުރި އެ ކުންފުނީގެ މުދާތައް ވިއްކުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ބޯޓުތައް ވެސް އައްޑޫ އިން ބޭރުކުރުން މިހާރު އޮތީ އެންމެ ފަހު މަރުހަލާގަ އެވެ. އޭއޭއޭ އިން މުދާތައް އައްޑޫ އިން ބޭރުކުރާ ހިސާބުން ދެން އެމީހުން ޖަވާބުދާރީ ކުރުވައި އަދި ޒިންމާދާރުކުރުމަށް ކުރެވޭނެ އެއްވެސް ކަމެއް ހަގީގަތުގައި ނެތެވެ. އަނެއްކާވެސް ހުރިހާ މޮޅެއް މި ލިބެނީ އޭއޭއޭ އަށެވެ.

އޭއޭއޭގެ މުދާތައް ބޭރުކުރަނީ

އޭއޭއޭގެ އަތުން ފްލައިން ސްކޫލުގެ ހިންގުން އަތުލުމަކީ ކަމާބެހޭ ފަރާތްތަކުން ދަރިވަރުންގެ ހައްގުގައި ކުރި ރަނގަޅު ކަމެކެވެ. ނަމަވެސް އެހާ ހިސާބުން ހުރިހާ ކަމެއް ނިމުނީ ކަމެއް ދެކިގެން ތިބުމަކީ ގޯހެކެވެ. ބޭރު ކުންފުންޏަކުން ދިވެހި ދަރިވަރުންތަކެއް "ފެލާލައިގެން" މުދާތައް ބަރުކޮށްގެން އަނބުރާ ގައުމަށް ގެންދިޔުމަކީ މުޅި ދައުލަތުގެ ފެއިލްވުމެކެވެ. އެތައް ބުރައެއް އުފުލައިގެން މައިންބަފައިން ދަރިންނަށް ކިޔަވައިދޭން ހޯދި ފައިސާ ނުހައްގުން ބޭރު ބަޔަކު އަތުލުމަށްފަހު އަދި އެ ފައިސާ އަނބުރާ ހޯދަން ދަރިވަރުން ކުރާ މަސައްކަތުގައި ދައުލަތުން އެހީގެ އަތެއް ފޯރުކޮށްނުދެވޭނަމަ ދައުލަތެއް އޮތުމުގެ ބޭނުމެއް ވެސް ނެތެވެ.

މިދިޔަ އަހަރެއްހާ ދުވަސްތެރޭ އޭއޭއޭގެ ކިބައިން ސަލާމަތްވާން ދަރިވަރުން ކުރި މަސައްކަތުގައި ހަގީގަތުގައި ސަރުކާރަށް އެންމެ އެކަށީގެންވާ ގޮތެއްގައި އޭއޭއޭ ޖަވާބުދާރީ ކުރެވުނު ކަމަށް ގިނަ ބަޔަކު ނުދެކެ އެވެ. އެ ކުންފުނީގެ އިސްވެރިންނަށް މާބޮޑު ފިޔަވަޅެއް އެޅިފައި ނެތް އިރު ފްލައިން ސްކޫލް މައްސަލާގައި ސިވިލް އޭވިއޭޝަނުގައި އިސްކޮށް ތިއްބެވި ފަރާތްތަކުގެ އެތައް އިހުމާލެއްގެ ވާހަކަތައް ވެސް އޮޑިޓް ރިޕޯޓުތަކުން ފެންނަން އެބައޮތެވެ. ނަ

މަވެސް އެކަމުގައި އިހުމާލުވި ފަރާތްތަކަށް ވެސް އެއްވެސް ފިޔަވަޅެއް އެޅުމުގައި ސަރުކާރު އޮތީ ފަހަތު ފަޔަށް ބުރަވެފަ އެވެ.