Last Updated: July 19, 13:41
Sunday, July 19, 2026
ކުޅިވަރު

ކީޕަރު ފައިސަލް ކުޅުން ހުއްޓާލަނީ

ކީޕަރު މުހައްމަދު ފައިސަލް - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެއް ނަމްބަރު ގޯލް ކީޕަރު މުހައްމަދު ފައިސަލް ފުޓްބޯޅަ ކުޅުން ހުއްޓާލަން ތައްޔާރުވެއްޖެ އެވެ.

ފައިސަލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު ތައްޔާރުވަމުން އަންނަނީ ފުޓްބޯޅަ ކެރިއަރު ހުއްޓާލަން ކަމަށާއި މިކަމުގައި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އަދި ފުޓުބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލާ ދުވަހު އެކަމުގެ ހަގީގަތް ހޯދަން ގުޅާ ކޮންމެ ނޫހަކަށް އަމިއްލަ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފުޓުބޯޅައިގެ ހަގީގަތް ވަރަށް ސާފުކޮށް ކިޔާދޭނެ ކަމަށް ފައިސަލް ބުނެފައިވެ އެވެ.

"ދިވެހި ފުޓްބޯޅަ ދެކެ ލޯބިވާ އެންމެންނަށް ނޭނގޭ އެތައް ހަގީގަތެއް ހާމަކޮށްދޭނަން" ފައިސަލް ބުނެފައިވެ އެވެ.

ފައިސަލްގެ މި ނިންމުމާ ގުޅިގެން އާއްމު ފަރާތަކުން ކުރި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ވަނީ ދިވެހި ފުޓްބޯޅަ ހަލާކު ކުރާ މީހުން އޭނާ ކުޅުން ހުއްޓާލާ ދުވަހަކުން އެނގޭނެ ކަމަށްވެސް ބުނެފަ އެވެ.

"ފުޓްބޯޅަ ހަލާކު ކުރާ މީހުން އެނގޭނެ މަ ކުޅުން ހުއްޓާލާ ދުވަހަކުން. ފޮރުވިފައި ހުރި އެތައް ކަމެއް ފަޅާ އަރުވާލާނަން" ފައިސަލް ބުންޏެވެ.

ގައުމީ ޓީމާއެކު 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފައިސަލް މިހާރު ކުޅެމުން އަންނަނީ ކްލަބް ވެލެންސިއާ އަށެވެ.