ޔޫކްރެއިނަށް ދިވެހިން ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޔޫކްރޭނުގެ މަޝްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.
"ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރަމެވެ." ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.
އަދި ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މި މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ މަޝްރަހު ހޫނުވެފައިވާއިރު "ކޮންމެ ވަގުތަކުވެސް" ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދީފާނެކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން އަދި ބޮޑެތި އެހެން ބައެއް ގައުމުތަކުންވެސް އަންނަނީ ބުނަމުންނެވެ.
ޔޫކްރެއިންގައި ތިބި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ނެދަލޭންޑްސް، ޖަޕާން، އޮސްޓްރޭލިއާ، ނިއުޒްލަންޑް އަދި ސައުތް ކޮރެއާގެ އިތުރު ބައެއް އިތުރު ގައުމުތަކުގެ ރައްޔިތުންވެސް އެ ގައުމުން ފޭބުމަށް ވަނީ އަންގާފައެވެ.