ގިނަ ބަޔަކު ބޭނުންކުރާ އިންސްޓަގްރާމްގެ ސްޓޯރީސްގެ ޕޯސްޓްތަކަށް ލައިކްކުރެވޭ ފީޗާއެއް "ޕްރައިވެޓް ސްޓޯރީ ލައިކްސް" ގެ ނަމުގައި އާންމުކޮށް ދޫކޮށްލައިފި އެވެ.
މިކަން އިންސްޓަގްރާމްގެ ހެޑް އެޑަމް މޮޒެރީ އިއުލާންކުރެއްވީ މިއަދެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން ސްޓޯރީސް ޕޯސްޓްތަކަށް ޕްރައިވެޓް ލައިކްކުރެވޭނެ އެވެ. އެއީ ރަތް ހިތަކުންނެވެ. ކުރިން އޮތް ގޮތުން ސްޓޯރީސް އަށް ރިއެކްޓްކުރެވެނީ މިސާލަކަށް އިމޯޖީއެއް ނުވަތަ ޓެކްސްޓަކުން ޑައިރެކްޓް މެސެޖެއް (ޑީއެމް) ގެ ގޮތުގަ އެވެ.
ނަމަވެސް އަލަށް ތައާރަފުކުރި ލައިކް ފީޗާއާ އެކު މިހާރު ސީދާ ސްޓޯރީސް ޕޯސްޓްތަކަށް ރިއެކްޓްކުރެވޭނެ އެވެ. އެޑަމް ވިދާޅުވި ގޮތުގައި އާ ފީޗާ އެކު ފަސޭހައިން ޕޯސްޓްތަކަށް ރިއެޓްކުރުމުގެ އިތުރުން ޑީއެމްގެ "ތޮއްޖެހުން" ވެސް ކުޑަކޮށްދޭނެ އެވެ. ސްޓޯރީސް ލައިކުން ލިބޭނެ އަނެއް ހިތްހަޖެހުމަކީ އެ ލައިކްތައް ކައުންޓްނުކުރުމެވެ.
ޕޯސްޓްތަކަށް ލައިކްސް ލިބޭ މިންވަރަކީ އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ މެދުގައި އޮންނަ "ފާޑެއްގެ ވާދަވެރި" ކަމެކެވެ. އަދި މިކަމާ ހުރެ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް އެކި ކަހަލަ "ނަފުސާނީ" މައްސަލަތައް ވެސް ކުރިމަތިވެ އެވެ. އެހެންވެ ވަރަށް ފަހުން ލައިކްސް އާއި ކޮމެންޓް ފޮރުވޭ ގޮތް ވެސް އިންސްޓަގްރާމުން ހަދާފައިވެ އެވެ.