ބްލެކްމެއިލްކޮށް ބިރު ދެއްކުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ އުޅޭވަކިތަނެއް ނޭންގުމުގެ ސަބަބުން ހާޒިރުކުރެވިފައި ނުވާ ކަމަށެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ހޯދުމަށް އަންގައި އިއުލާނު ކޮށްފައިވަނީ ހދ. ނޮޅިވަރަން / ހަމްނާ، 27 އަހަރުގެ އަހުމަދު ޝަހްބާންއެވެ.
އޭނާ ހާޒިރުކުރަނީ ބްލެކްމެއިލް ކޮށް ބިރުދައްކާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށެވެ.
ފުލުހުން ކޮށްފައިވާ އިއުލާނުގައި ވަނީ އަހުމަދު ޝަހްބާން، 2022 ފެބްރުއަރީ 21 ވަނަ ދުވަހުގެ 12:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އެދޭކަމަށެވެ.
މީގެކުރިންވެސް ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ ޗިޓު ހަވާލު ނުކުރެވޭ މީހުން ހޯދުމަށް ފުލުހުން އިއުލާނު ކުރެއެވެ.